ތުރުކީއާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫގެ މަރުވެފައިވާ ހަށިގަނޑު ހޯދައިފިއެވެ.

އުމުރުން 31 އަހަރުގެ ގާނާގެ ފުޓްބޯޅަ ކުޅުންތެރިޔާ އަޓްސޫ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސީރިއާގެ ބޯޑަރ ސަރަހައްދައް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ.

Ad
rt

ތުރުކީގެ ހަތެޔާސްޕޯއަށް ކުޅެމުން އަންނަ އަޓްސޫ އަނިޔާތަކަކާއިއެކު ސަލާމަތްކޮށް ފަރުވާދެމުން އަންނަ ކަމުގައި އެ ކުލަބުން ވަނީ މިމަހުގެ އަށްވަނަ ދުވަހު ބުނެފައެވެ. ނަމަވެސް ފަހުން އެ ކުލަބުން ވަނީ އޭނާ ނުފެންނަކަން ޔަގީން ކޮށްދީފައެވެ.

އަޓްސޫގެ މަރުވެފައިވާ ހަށިގަނޑު ބިންހެލުމާއި ގުޅިގެން ވެއްޓިފައިވާ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ތެރެއިން ފެނިފައިވާކަން އޭނާގެ އެޖެންޓް ވެސް މިއަދު ވަނީ ކަށަވަރު ކޮށްދީފައެވެ.

އަޓްސޫ ތުރުކީ ލީގުގެ ހަތެޔާސްޕޯއާއި ގުޅިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގެ ޗެލްސީއަށާއި އެވަޓަންގެ އިތުރުން ނިއުކާސަލްއަށް ވެސް ކުޅެފައެވެ. ދެ ފަހަރެއްގެ މަތިން ނިއުކާސަލްއަށް އޭނާ ވަނީ 121 މެޗު ކުޅެފައެވެ.

އަޓްސޫ ވަނީ ގާނާގެ ގައުމީ ޓީމަށް 65 މެޗު ކުޅެ، ނުވަ ލަނޑު ޖަހާފައެވެ.

ތުރުކީގެ ދެކުނުން، ސީރިއާގެ އުތުރުން މި ދެ ޤައުމު ގުޅުނު ބޯޑަރުގެ ސަރަހައްދަށް އައި ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ ބިންހެލުމާއި ގުޅިގެން ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު މި ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ ސާޅީސްހާހުން މައްޗަށް އަރާފައެވެ.