އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 18 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ ސަސުއޯލޯގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ނަޕޯލީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި މެތިއަސް އޮލިވޭރާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްވަރަސްޚޭލިއާއެވެ. އޭގެ ދެ މިނެޓް ފަހުން ސަސުއޯލޯގެ އާމަންޑް ލައުރިއެންޓޭ ފޮނުވާލި ހަމަލާ ނަޕޯލީގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، 26 ވަނަ މިނެޓުގައި ނަޕޯލީގެ ފޯވާޑް އޮސީމެން ފޮނުވާލި ހަމަލާއެއް ވަނީ ސަސުއޯލޯގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

Ad
rt

މެޗުގައ ނަޕޯލީން ކާމިޔާބުކުރި ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި އާމިރް ރަހްމާނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިކްޓަ އޮސީމެންއެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން އޮސީމެން މި ސީޒަންގައި ނަޕޯލީއަށް ކާމިޔާބު ކޮށްދިން 19 ވަނަ ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަޕޯލީގެ ސިމިއޯނީ ލަނޑެއް ޖެހި ނަމަވެސް އޮފްސައިޑް ވުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މި މޮޅާއިއެކު ނަޕޯލީއަށް ވަނީ ތާވަލުގެ އެއްވަނާގައި 18 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް މިވަގުތު އެއްވަނާގައި އޮތީ 23 މެޗުން ހޯދި 62 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އިންޓަ މިލާނަށް 22 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ. މިރޭ އިންޓައާއި އުދިނޭސީ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން ފަރަގު 15 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އިންޓައަށް އެބައޮތެވެ.