ޔުއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި، ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއަށް އަނިޔާވެ، މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެވެ.

ރޭ ބާސާގެ ކޭމްޕް ނޯގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވީއިރު، ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ޕެޑްރީ ވަނީ މެޗުގެ 42 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.

Ad
rt

ޕެޑްރީގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ބެލުމަށް މިއަދު ހެނދުނު ޓެސްޓްތަކެއް ހަދާފައިވާއިރު، އެ ޓެސްޓްތަކަށް ފަހު ބާސާއިން ބުނެފައި ވަނީ ޕެޑްރީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އޭނާ އެނބުރި ދަނޑަށް ނުކުންނާނީ އަނިޔާއިން މުޅިން ރަނގަޅުވުމަށް ފަހުކަމަށެވެ.

ބާސާއިން ޕެޑްރީއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަން ހާމަކޮށްފައި ނުވެއެވެ. އަދި ޕެޑްރީ ކުޅުމާއި ދުރުގައި މަޑުކުރަން ޖެހޭނެ މުއްދަތެއް ވެސް އެ ޓީމުން ހާމަކޮށްފައި ނުވެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕެޑްރީއަށް ލިބިފައިވާ އަނިޔާއިން ރިކަވަވެ ކުޅުމުގެ ތެރެއަށް އައުމަށް އެއްމަސް ދުވަސް ހޭދަވާނެއެވެ.

ބާސާގެ ތަޖުރިބާކާރު މިޑްފީލްޑަރ ބަސްކުއެޓް ވެސް މިވަގު އަނިޔާގައި ހުރިއިރު އަންނަ ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑްޓްރަފޯޑްގައި ޔުނައިޓެޑާއި ބާސާކުޅޭ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގެ މެޗަށް އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީ ވެސް ވަނީ ސަސްޕެނޑްވެފައެވެ. މީގެއިތުރުން މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ބާސާގެ ޑެމްބެލޭ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

އެއް މަސްދުވަހު ކުޅުމާއި ދުރުގައި ޕެޑްރީ ހުންނަން ޖެހިއްޖެނަމަ އޭނާއަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ދެވަނަ ލެދުގެ މެޗުގެ އިތުރުން ކޮޕަ ޑެލް ރޭ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސާ ކުޅޭ ފުރަތަމަ ލެގުގެ މެޗުގައި ވެސް ނުކުޅެވޭނެއެވެ. އަދި ލީގުގައި ކާޑިޒްއާއި އަލްމޭރާގެ އިތުރުން ވެލެންސިއާއި ދެކޮޅަށް ވެސް އޭނާއަށް ނުކުޅެވޭނެއެވެ.

އުމުރުން 20 އަހަރުގެ ޕެޑްރީއަށް އަނިޔާވެފައި މިވަނީ ބާސާގެ މެދުތެރޭގައި ފަހަކަށް އައިސް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އައި ދަނޑިވަޅެއްގައެވެ. އޭނާ ވަނީ ބާސާ އެންމެ ފަހުން ކުޅުނު އަށް މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ.