ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

ދެ ޓީމްގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ބާސެލޯނާއިން ޖުމްލަ 14 ހަމަލާއެއް ފޮނުވާލާފައިވާއިރު އޭގެތެރެއިން ހަތް ހަމަލާ ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުވެފައެވެ. ޔުނައިޓެޑުން ޖުމްލަ 10 ހަމަލާއެއް ފޮނުވާލާފައިވާއިރު އޭގެތެރެއިން ފަސް ހަމަލާއެއް ވަނީ ބާސާގެ ގޯލާއި އަމާޒުވެފައެވެ.

Ad
rt

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ބާސާގެ ފޯވާޑް ލެވަންޑޯސްކީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ޔުނައިޓެޑްގެ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ހަތާވީސްވަނަ މިނެޓުގައި ޔުނައިޓެޑްގެ ވެންބިކާސާ ބާސާގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ސަންޗޯއަށް ގޯލުގެ ތެރެއަށް ފޮނުވާލަން ފުރުޞަތު ލިބުނު ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ނެދަލެންޑްސް ފޯވާޑް ވުޓް ވެގްހޯސްޓަށެވެ. އޭނާއަށް ލިބުނު ހުސް ފުރުޞަތުގައި ފޮނުވާލި ބޯޅަ ހުޝިޔާރު ކަމާއިއެކު ބާސާގެ ކީޕަރު ޓަ ސްގެން ވަނީ މަތަކޮށްފައެވެ.

ބާސާގެ އިތުބާރު މިޑްފީލްޑަރ ޕެޑްރީއަށް އަނިޔާވެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބާސާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި ރަފީނިއާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެލަންސޯއެވެ.

ބާސާއަށް ލީޑުގައި މާގިނަ ވަގުތު އޮވެވޭ ގޮތެއް ނުވިއެވެ. ބާސާއިން ލަނޑުޖެހިތާ ތިން މިނެޓް ފަހުން ފްރެޑް ދިން ބޯޅައެއް ހިފައިގެން ބާސާގެ އޭރިއާތެރެއަށް ވަދެ ހަނި އޭންގަލުން ރަޝްފޯޑް ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ބާސާގެ ޑިފެންޑަރ ކޫންޑޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ވޯލްޑް ކަޕަށް ފަހު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް މި މެޗުގައި ޖެހި ލަނޑާއިއެކު އޭނާ އެންމެ ފަހުން ކުޅުނު 16 މެޗުގައި ވަނީ 14 ލަނޑު ޖަހާފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މި ސީޒަންގައި އޭނާ ކުޅުނު 35 މެޗުގައި ވަނީ 22 ލަނޑު ޖަހާފައެވެ.

ބާސާއިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 76 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ލަނޑުންނެވެ. އޭރިއާތެރެއަށް ރަފީނިއާ ހުރަސްކުރި ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އަމާޒުވީ ގޯލުގެ ކަނަށެވެ.

ޔޫރަޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ

ޔުވެންޓަސް 1-1 ނޯންޓްސް

ރޯމާ 0-1 ރެޑްބުލް ސަލްޒްބާގް

ސެވިއްޔާ 3-0 ޕީއެސްވީ އައިންދޯވަން

އަޔަކްސް 0-0 ޔޫނިއަން ބާލިން

ބަޔާން ލެވަކޫސަން 2-3 މޮނާކޯ