އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ސިޓީއަށް ތާވަލުގެ އެއްވަނަ ލިބުުނު ފުރަތަމަ ފަހަރެވެ.
ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މި މެޗުން މޮޅުވުމާއިއެކު ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި މި ވަނީ އާސެނަލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ލީގުގައި ސިޓީން ވަނީ ކުޅުނު 23 މެޗުން 51 ޕޮއިންޓް ހޯދާފައެވެ. ދެވަނާގައި އޮތް އާސެނަލްއަށް 22 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ސިޓީންނެވެ. މި ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ކާމިޔާބު ކޮށްފައި ވަނީ އާސެނަލްގެ ޑިފެންޑަރ ޓޮމިޔާސޫ ފަހަތަށް ކުޅުނު ބޯޅައަކުން ތަނަވަސްވީ ފުރުޞަތުގައި، އެ ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުހަމަވާން ގާތްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ސަކާއެވެ. މި ޕެނަލްޓީ އާސެނަލަށް ލިބިފައިވަނީ ސިޓީގެ ކީޕަރު އާސެނަލްގެ އެޑީ އެންކެޓިއޭ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގައި ސިޓީން ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 72 ވަނަ މިނެޓުގައި ގުންޑަގަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖެކް ގްރީލިޝްއެވެ. ވޯލްޑް ކަޕަށް ފަހު ގްރީލިޝް ކުޅުނު ނުވަ މެޗުގައި އޭނާ ވަނީ ސިޓީއަށް ތިން އެސިސްޓް ކޮށްދީ ދެ ލަނޑު ޖަހައދިދީފައެވެ.
މެޗުގައި ސިޓީއަށް ތިންވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. މި ލަނޑު ހާލަންޑު ޖަހާފައި ވަނީ ޑިބްރޭނާ ކުޅުނު ޕާހެއް އާސެނަލްގެ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!