ތުރުކީއާއި ސީރިއާ އަށް އައި ބިންހެލުމުގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މަދަނީ ޖަމިއްޔާތަކާއި އައިއޭސީ ގުޅިގެން ފަންޑްރެއިސިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ރާއްޖޭގެ ޢިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި، "އެއް އުންމަތެކޭމީ..!" މި ނަމުގައި ކުރިއަށްގެންދާ ފަންޑް ރެއިޒިންގ ހަރަކާތް ލޯންޗު ކޮށްފައިވަނީ މިއަދު އެވެ.
ޕޯސްޓް ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ހަރަކާތުގައި އިސްކޮން ހަރަކާތްތެރިވާ ފަރާތައް ބައިވެރިވެފައިވެއެވެ.
ހުކުރު ދުވަހު ފަންޑު ފޮށިތައް މިސްކިތްތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެހީ ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ފަންޑަށް ލިބޭ ފައިސާ، ތުރުކީއާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ފޮނުވާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މޯލްޑިވްސް މެދުވެރިކޮންނެވެ.
މި މަހުގެ ހަޔެއްގައި ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.
ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 04:17 ގައެވެ. ތުރުކީއާއި ސީރިއާއިން މިހާރު އަންނަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އެ ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.
ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 ހުރަސްކޮށްފައެވެ.
ތުރުކީއާއި ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ދަނީ ހަރަކާތްތައްް ކުރިއަށްގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!