ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ގުޅީފަޅާ ހިސާބަށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ތިލަމާލެ ބްރިޖާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ފަރާތުން އެ ޕްރޮޖެކްޓާ ހަވާލުވެހުންނެވި މެނޭޖަރު މުޙައްމަދު ޖިނާން ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުގެ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން، މަލޭގެ އެއްގަމުގައި އަށް ތަނބު ޖަހަން ޕްލޭން ކޮށްފައިވާއިރު އެ ހުރިހާ ތަނބެއްގެ ވެސް ޕައިލިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

މިހާރު ކުރަމުންދަނީ އެ ޕައިލްތަކުގައި ޕައިލް ކެޕް އެޅުމުގެ މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ތިލަމާލެ ބްރިޖަކީ ވިލިމާލެއާވެސް ގުޅުވާލާ ބްރިޖެކެވެ. އެ ބައިގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ: އެގޮތުން، ބްރިޖު ގުޅާލާ ސަރަހައްދުގައި ތަނބު ޖަހަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ސަރަހައްދުގެ ބަންޑްވޯލް ގެ މަސައްކަތް ނިމިފައިވާއިރު ދެން ކުރިއަށްދާނީ އެ ސަރަހައްދަށް ފަސް އަޅައި ހިއްކުމުގެ މަސައްކަތެވެ.

ތަނބުތަކުގެ މަސައްކަތް އެފްކޮންސްއިން ކުރަމުން އަންނަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ލޭންޑް ނުވަތަ އެއްގަމުގައި ޖަހާ ތަނބާއި ޝެލޯ ވޯޓާ އާއި މީޑިއަމް ވޯޓާ އަދި ޑީޕް ވޯޓާ ތަނބުތަކެވެ. މި ތަނބުތައް ޖެހުމަށް އެފްކޮންސް އިން ބޭނުން ކުރަނީ ތަފާތު އުކުޅުތަކެވެ. އެގޮތުން ޝެލޯ ވޯޓާ ތަނބުތައް ޖަހާއިރު ވަގުތީ ބްރިޖުތަކެއް ބޭނުންކުރާއިރު އެހެން ސަރަހައްދުތަކުގައި ތަނބުތައް ޖަހާނީ ޕްލެޓްފޯމުތަކެއް ހަދައިގެންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްދެއެވެ. ނަމަވެސް މުހިންމު ބޮޑެތި މަސައްކަތްތައް ކުރިއަށްދަނީ އެފްކޮންސްގެ މެއިން ސައިޓު ކަމަށްވާ ގުޅީފަޅުގައެވެ.

ގުޅީފަޅުގައި ކުރިއަށްދާ މަސައްކަތްތައް އިއްޔެ ބައެއް ނޫސްވެެރިންނަށް ވަނީ ދައްކާލާފައެވެ. އެގޮތުން އެ ސަރަހައްދުގައި ތަނބުތަކުގެ ލައިނާސް ފެބްރިކޭޓް ކުރުމުގެ މަސައްކަތާއި ތަނބުތައް ގުޅުވާލާ ސެގްމަންޓުތަކާއި ސުޕަ ސްޓްރަކްޗާގެ މަސައްކަތް ކުރާނެއެވެ. މިކަމަށް ބޭނުންބާ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ގުޅީފަޅުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް މަސައްކަތަކަށްވާނީ ތަނބުތައް ގުޅާލާ ސެގްމަންޓްތައް ވަކިން ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެކަމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މި މަސައްކަތް ފެށި ސެގްމަންތުތައް ތައްޔާރުުރަން ފެށުމުން ތަނބުތަކުގެ މަސައްކަތް ނިމޭވަރަކުން ބްރިޖު ގުޅާލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތުން މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް މާލެ އިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެފްކޮންސް އިންދެއެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި މާލެއާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅާލެވޭނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.