ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ފަރާތުން ނޭސަނަލް ޕޭކޮމިޝަނާއި ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ) އާއިއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލާގައި ދެކޮމިޝަންގެ ވިސްނުން ދެކަފިވެފައިވާކަން ހާމަވެއްޖެއެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ސިވިލްސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ނޭޝަނަލް ޕޭކޮމިޝަނުން މިހާރު ޢާއްމުކޮށްފައިވާ އޮނިގަނޑުގައި ވާގޮތުން ޑިގްރީ ފުރިހަމަކުރައްވާ ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބި 2 އަހަރު ހޭދަކުރަން ޖެހޭ ކަމަށާއި، އެހެންނަމަވެސް އެހެން ސްކޫލަކަށް އެޕްލައިކުރައްވައިގެން ވަޒީފާއަށް ހޮވިއްޖެ ނަމަ ހަމަ އެ ޓީޗަރަކަށް ޑިގްރީ ފެންވަރުގެ މުސާރަ ލިބޭކަމަށާއި މިކަމަކީ ހަމަޖެހޭ އުޞޫލެއްކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

Ad
rt

"ބޮޑު މުސާރަ ބޭނުންނަމަ އިސްތިއުފާދެއްވާފައި ހަމަ އެމަޤާމަށް އަލުން އެޕްލައިކުރައްވާ މަޤާމަށް އައްޔަންކުރުމުން އެ ޓީޗަރަކަށް ޑިގްރީ ފެންވަރުގެ މުސާރަ ލިބޭކަމަށް ވާނަމަ ސިސްޓަމްތެރޭ ހުރެގެން ޕްރޮމޯޝަން ލިބެން ޖެހޭނެކަމަށް ސިވިލްސަރވިސް ކޮމިޝަނުން ޤަބޫލުކުރަން"

ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ.

މިކަން މިހެން އޮތުމުން ޓީޗަރުންގެ ފަރާތުން ވަރަށް ޝާކުވާ ލިބޭކަމަށާއި މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ އަދި ޕޭކޮމިޝަނާ މަޝްވަރާތައް ކުރެވިފައިވާކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޕޭކޮމިޝަނުގެ މެމްބަރުން ވިދާޅުވީ ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތްކުރައްވަމުންދާއިރު ކުރީގައި ހެދިފައިހުރި އޮނިގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި ޓީޗަރސް ޕޭފްރޭމް ވޯކުގެ މަސައްކަތްކޮށްފައިވަނީ ކަމާ ގުޅުންހުރި އިދާރާތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން ކުރަމުން އަންނަ އުޞޫލުތައް ދިރާސާކުރުމަށްފަހުކަމަށެވެ.

މިބައްދުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުޤައްރިރު ރޮޒެއިނާ ވިދާޅުވީ ޑިގްރީ ފުރިހަމަކުރާ ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބޭގޮތަށް އޮންނަ އޮތުމަކީ ވަރަށް ގިނަ ޓީޗަރުންގެ ޝަކުވާއެއް ކަމަށާއި 2 ކޮމިޝަނުގެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް މި މައްސަލައަށް ވީހާވެސް އަވަހަކަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

އެހެންނަމެސް 1 ގަޑިއިރަށް ދެމިގެންދިޔަ މިބައްދަލުވުން ނިމިގެން ދިޔައިރުވެސް ސީދާ މައްސަލަ ހައްލުކުރުމުގެ ރޫހުގައި ޕޭކޮމިޝަނުން ގޮތްދޫކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. ބައްދަލުވުން ނިންމާލުމުގެ ކުރިން ވާހަަކަ ދައްކަވަމުން ސިވިލްސަރވިސް ކޮމިޝަނުގެ ނައިބުރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ޓީޗަރުންގެ އައު އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފައިނަލް ޑެޝިސަނެއް ނެގުމުގެ އިޚްތިޔާރު ސިވިލްސަރވިސް ކޮމިޝަނަށް ލިބިގެން ނުވާކަމަށާއި އެބާރު ލިބިގެންވަނީ ޕޭކޮމިޝަނަށް ކަމަށާއި ، ކޮމިޝަނަށް އިޚްތިޔާރު ލިބިގެންވާނަމަ އެބަދަލު މިއަދުވެސް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިއްމަވާލައްވަމުން ސިވިލްސަރވިސް ކޮމިޝަނާއި ޕޭކޮމިޝަނާ މަޝްވަރާކުރެއްވުމަށް ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ލޫޕްހޯލްތަކަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯދުމަށް ކޮމިޓީގެ މުޤައްރިރު ރޮޒެއިނާ އެދިލެއްވިއެވެ.