ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ސެޓްފިކެޓެއް ބަލައިގަންނަން އަމުރު ނުކުރެވުނަސް, ކިޔަވަން ކުރި ހަރަދު ލިބުނު ގެއްލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގި ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ.

Ad
rt

ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން ނިންމިޔަސް, އެވަގުތު ކިޔަވަމުން ދިޔަ މީހުންގެ ސަނަދު ގަބޫލު ކުރާނެކަން އެންގި އެވެ. ކިޔެވުން ނިންމުމަށްފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭ އިން ދެކޮޅު ހެދި އެވެ.

އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ހުކުމުގައިވަނީ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެމްކިއުއޭއިން އަންގާފައިވާތީ ޖެނުއަރީ، 2018 އާ ހަމައަށް އެ މީހުން ކޯހުގައި ކިޔަވަން ކުރި ހަރަދާއި އަދި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ގެއްލުމުގެ ބަދަލަށް އެކަކުގެ ފަރާތުން 23 މިލިއަން ރުފިޔާ އަދި ބާކީ ތިބި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ފަރާތުން 16 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނެވެ. ހުކުމުގައިވަނީ އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުނުވާތީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.