ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާއި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އެކަމުގެ ނަތީޖާވެސް ރަނގަޅުލަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުޞަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ބީޗް ވޮލީއާއި ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީ ވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަޤުބަލް އޮތް ކުޅިވަރުތަކެއްކަން ފާހަގަކުރެއްވިއެވެ.

ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދިފައި ނުވާ ގިނަ ކާމިޔާބީތައް ހޯދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ހާއްސަގޮތެއްގައި ރައީސް ބަހައްޓަވާ އިސްކަން ފާހަގަކުރައްވައި، ބޮޑީބިލްޑިންގ އާއި ބީޗް ވޮލީން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

ވޮލީ ބޯލް އެސޯސިއޭޝަނުންނާއި ބޮޑީބިލްޑިންގ އެސޯސިއޭޝަނުންވެސް ވަނީ، ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިޔަށް އޮތް މުބާރާތްތަކާއި ގުޅޭ މައުލޫމާތު ވެސް އެސޯސިއޭޝަންތަކުން ވަނީ ރައީސްއަށް ހިއްސާ ކުރައްވާފައެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނައިރު، ޑިސެމްބަރު މަހު ބޭއްވި، ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ.

މިއީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފާއި، ވޮލީ ބޯލް އެސޯސިއޭޝަނާއި، ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.