ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީތަނެއް ހޯދައި، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮަވައިލައިފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އާއއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ.

Ad
rt

"މިޕާޓީގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވާ، ބެންގަލޫރުގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނޭނގި އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އޭގެ ފަހުން ޢަބްދުއްޞަމަދުގެ އެއްވެސް ޚަބަރެއް ވީނުވީއެއް ޢާއިލާއަށްވެސް އަދި މި ޕާޓީއަށްވެސް މިބިފައެއްނުވެއެވެ." ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ސަމަދު، ފޭސްބުކް އަށް ދޫކޮށްލައްވާފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އެބައޮތް ކަމަށެވެ.

ސަމަދު ވީނުވީއެއް ނޭނގި ގެއްލުމާގުޅިގެން އެ ކޯލިޝަންގެ ފަރާތުން މިހާރުވާނީ ފޮރިން މިނިސްޓްރީއަށާއި، ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސްކޮމިޝަނަށް ސިޓީ ފޮނުވާފައި ކަމަށާއި އޭނާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް އެ ޕާޓީއާއި ހިއްސާކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ސަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށް ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް އާއިލާއިން ބުނާ ކަމަށެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގޭއިރު، އަނބިކަބަލުންނާއި ދަރިފުޅަށްވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެ ކޯލިޝަނުން ދެކޭގޮތުގައި މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި، އެ ކޯލިޝަނުން ކުރިއަށް ގެންދާ އިހްތިޖާޖުގައި އަޑުއުފުލަމުންދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖެއާއި ދިވެހި ރައްޔިތުން މިއަދު މިތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާ ކަމަށާއި އެހެންކަމުން މިކަން އެ ކޯލިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވަނީ ބުނެފައެވެ. އަދި މިހާރުން މިހާރަށް ޢަބްދުއްޞަމަދު ދޫކޮށްލުމަށް ވެސް އިންޑިއާ ސަރުކާރަށް ވަނީ ގޮވައިލާފައެވެ.