އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިއްޔެ 8028 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މިއީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.
މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއި ސްޓޭކްހޮލްޑަރުންނަށް މަރުހަބާ ކިޔައިފައެވެ.
ޓޫރިޒަމް މިނިސްޓްރީބް ނެރެފައިވާ ތަފާސްހިސާބުތަކަށް ދައްްކާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ 7ގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 214،985އަށް އަރައިފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު 31.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ ފުރަތަމަ މަހު ވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެެވެ. މިއަހަރުގެ ޖެނުއަރީ މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ 30.9 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޖެނުއަރީމަހު 131،762 ފަތުރުވެރިން އައިރު މިއަހަރުގެ އެ މުއްދަތުގައި 172،536 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ޤައުމުން 27،960 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއީ ޖުމްލަ ފަތުރުވެރިންގެ 13 އިންސައްތައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު އެންމެ ގިނައިން ފަތުރުވެރިނން އަންނަ ޤައުމުތަކުގެ ތެރޭގައި ރަޝިއާގެ އިތުރުން، އިންޑިއާ، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޒަލެންޑް އަދި ޕޮލެންޑް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!