ޗައިނާ ސަރުކާރުގެ ސިޔާސަތަކީ ޗައިނާގެ ޑޮކްޓަރުން ގައުމުތަކަށް ފޮނުވައިގެން ސިއްހީ ހިދުމަތްތައް ދިނުން އެކަނި ނޫން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުﷲ އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހިންގާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއީ ހުނަރާއި ހިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްގީކުރުމަށް ޗައިނާއާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
އެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ ސިއްހީ ހިދުމަތްތެރިން މެދުވެރިކޮށް ޗައިނާއިން ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުންވެސް ރަނގަޅު ކުރުމަކީ ވެސް ޗައިނާ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ވަރުގަދަ އަދި ގާތް ގުޅުމެއްކަން ފާހަގަކުރައްވާ ވިދާޅުވީ ކޮވިޑް19 އަށްފަހު، ޗައިނާގެ ބޯޑަރު ހުޅުވާލުމުން އެގައުމުގެ އެހީގެ ޓީމުތައް އެންމެ ފުރަތަމަ އައީ ރާއްޖެއަށް ކަމަށެވެ. އަދި މިކަމުން ވެސް ދެގައުމުގެ ދެމެދު އޮތް ގާތްގުޅުން ހެއްކަކަށް ފުދޭ ކަމަށެވެ.
ސަފީރު ވިދާޅުވީ ޗައިނާގެ ޖާންގްޝާން އޮފްތަލްމިކް ސެންޓަރުން ރާއްޖެ އައި، ލޮލުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ މެޑިކަލް އޮފިސަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ޗައިނާގެ ޓީމުން، މުވައްޒަފުން ތަމްރީނު ކުރުމަށް ރާއްޖޭގައި 6 މަސްދުވަސް ހޭދަކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނަށް ވެސް ތަމްރީނުތައް ދޭނެކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ހުޅުމާލެ ހޮސްޕިޓަލަށް މިހާރުން މިހާރަށް ބޭނުންވާ ތަކެތިވެސް ޗައިނާއިން ރާއްޖެއައި ޓީމުން ހަދިޔާކޮށްފައިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!