ކިޔަވާކުދިންނަށް ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށެވެ.
އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޭންޕުން ދަސްވި ކަންތައްތައް އާންމު ދިރިއުޅުމުގައި އެކަންތައްތައް ކުރުމަށް ފަރިތަ ކުރުމަށް މަސައްކަތް ކުރުން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކޭންޕުން ދަސްވި އިލްމާއި ހުނަރުތައް އަދި އަހުލާގީ މިންގަނޑުތައް އެއީ ތިމާގެ ދުވަހީ ކަންތައްތަކެއްގެ ގޮތުގައި އަށަގެންނެވުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް މިސާލަކަށް ގަޑި ނުޖެހި ސްކޫލަށް ދިޔުން، ގަޑި ނުޖެހި އޮފީހަކަށް ދިއުން. ކޭންޕުން ދިމާވި ހުރިހާކަމެއް ތިމާގެ ހަށިގަނޑުގައި ހަރުލައްވަން ވާނެ. އަދި އެއަށް ތިމާ އަހުލުވެރިވެ ފަރިތަ ވާންވާނެ. " މިނިސްޓަރ ވިދާޅުވި އެވެ
ހަމަމިއާއެކު ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަހުލާގު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭ ކަމަށާއި އުސޫލުތަކަށް ތަބާވާންވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭރުން މުޖުތަމައުގައި ހަމަޖެހުން އޮންނާނީ.އޭރުން އެކަކު އަނެކަކަށް ގުޅިގެން އެކުވެރިކަމާއެކު އުޅެވޭނީ. " މިނިސްޓަރ ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާވެފައިވާއިރު، މި ސަރުކާރުން ސްކޮލަރޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާކަމަށާއި އެ ސްކޮލަރޝިޕްތަކަށް ޝަރުތުހަމަވާނީ އޭލެވެލް ނިންމާ ދަރިވަރުންނަށް ކަމަށެވެ. އަދި އޭލެވެލް ހަދާ ކޮންމެ ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ތަނެއްގެ ޔުނިވަރސިޓީއަށް ވަނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ކިޔެވުމުގެ ދޮރުތައް ހުޅުވިފައިވާ ޒަމާނެއްގައި އިލްމު ހޯދުމާއި ދޭތެރޭގައި އަބަދުވެސް ޝައުގުވެރިވާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!