ފީފާ ކުލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބު ކޮށްފިއެވެ.
ރޭ ކުޅުން މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭސިއާގެ ޗެމްޕިއަން ސައުދީގެ އަލް ހިލާލްއެވެ. މި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ. ފުރަތަމަ ލަނަޑު ޖެހިތާ އަށް މިނެޓް ފަހުން ރެއާލުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވަލްވަޑޭއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި އަލް ހިލާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑުޖަހައި އުންމީދު އައުކޮށްދީފައި ވަނީ، އެ ޓީމްގެ ފޯވާޑް މޫސާ މަރޭގާއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ރެއާލްގެ ޓީމް ކުރިއަށް ޖެހިފައި އޮތް ވަގުތު އެ ޓީމްގެ މުހައްމަދު ކަންނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ވިނީސިއަސް އަލް ހިލާލްގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޒެމާ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިންއިރު، އޭގެ ހަތަރު މިނެޓް ފަހުން ވަލްވަޑޭ ވަނީ ރެއާލަށް ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އަލް ހިލާލްއަށް އެ ޓީމްގެ ދެވަނަ ލަނޑު ލޫސިއާނޯ ވިއެޓޯ ކާމިޔާބު ކޮށްދީފައިވާއިރު، އެ ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ވިނީސިއަށް ވަނީ ރެއާލަށް ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަލް ހިލާލްގެ ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ވިއެޓޯއެވެ.
ފީފާ ކުލަބް ވޯލްޑް ކަޕް ތަށި އެންމެ ގިނައިން ހޯދާފައިވާ ޓީމަކީ ވެސް ރެއާލް މެޑްރިޑެވެ. އެ ޓީމުން މި މުބާރާތް ފަސް ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ 2014، 2016، 2017، 2018 އަދި 2023 ގައެވެ.
މި އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ބްރެޒިލްގެ ފްލެމިންގޯއެވެ. ރޭ ކުޅުނު ތިންވަނަ ހޮވާ މެޗުގައި އެ ޓީމުން ވަނީ އަލް އަހްލީގެ މައްޗަށް 4-2 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!