އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖައިންނެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޗެލްސީންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ފެލިކްސް ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބެލުމުން އޭނާއަށް ބޯޅަ ލިބުނު ވަގުތު އޮފަސައިޑްގައި ހުރުމުން ލަނޑު ވަނީ ބަލައި ނުގަނެފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވެސްޓްހޭމްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ފެލިކްސްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓްހޭމުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖެރޮޑް ބޮވެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމަސަންއެވެ.

ފުރަތަމަ ހާފުގައި ޗެލްސީން ދެވަނަ ފަހަރަށް ލީޑު ނަގަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޗެލްސީގެ މަޑުއޭކޭ ފޮނުވާލި ހަމަލާ ވެސްޓްހޭމްގެ ކީޕަރު ފަބިއަންސްކީ މަތަކުރިއިރު، އޭރިއާ ބޭރުން ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން ފެލިކްސް ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް ފަބިއަންސްކީ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި ވެސް ޗެލްސީން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހައި ލީޑު ހޯދަން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވެސްޓްހޭމް އިން ވަނީ ރަނގަޅު ޑިފެންސެއް ކޮށް ޗެލްސީ ހުއްޓުވާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ވެސްޓްހޭމްއަށް ލިބުނު ހިލޭ ޖެހުމަކުން ޗެލްސީގެ އޭރިއާތެރެއަށް ކުޅުނު ބޯޅައިން ތަނަވަސް ވީ ފުރުޞަތެއްގައި ވެސްޓްހޭމްގެ ސޮއުސެކް ވަނީ ލަނޑުޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ކަނޑައަޅާފައެވެ.

މި ނަތީޖާއާއިއެކު މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ވެސްޓްހޭމް އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.