60 މީޓަރު ދުވުމުގެ ރާއްޖޭގެ ރެކޯޑު، އަހުނާ ނިޒާރު އާއި މަރިޔަމް ރޫޔާ އަލީ ހަދައިފިއެވެ.

މި ދުވުންތެރިން މި ރެކޯޑު ހަދާފައިވަނީ މި ފެބްރުއަރީ 10 ން 12 އަށް ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި، ކުރިއަށްދާ 10 ވަނަ އޭޝިއަން އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައެވެ.

Ad
rt
60 މީޓަރ ދުވުމުގައި ފުރަތަމަ ޤައުމީ ރެކޯޑް ހެދީ ހީޓް ދޭއްގައި ދުވެގެން އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 7.89 ސިކުންތުންނެވެ.
މި ރެކޯޑު ކުރިން އޮންނަނީ ޖައުނާ އަބްދުالله ނާފިޒް އަތުގައެވެ. ޖައުނާ 60 މީޓަރ ދުވުމުން ޤައުމީ ރެކޯޑް ހެދީ ގަތަރުގެ ވެރިރަށް ދޯހާގައި 2008 ވަނަ އަހަރު ބޭއްވި އޭޝިއަން ޗެންޕިއަންޝިޕުގައި 8.30 ސިކުންތުން ދުވެގެންނެވެ.

އަހުނާ 60 މީޓަރ ދުވުމުން ރެކޯޑް ހެދިތާ ކުޑައިރުކޮޅެއް ފަހުން މަރްޔަމް ރޫޔާ ޢަލީ އެ ރެކޯޑް މުގުރާލާފައެވެ. 60 މީޓަރ ދުވުމުގެ ހީޓް ތިނެއްގައި ވާދަކޮށް ރޫޔާ ރެކޯޑް ހެދީ 7.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރޫޔާ އަކީ މިދިޔަ އަހަރު ފަހުކޮޅު ބޭއްވުނު ގައުމީ ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތްލީޓެވެ. އޭނާ ވަނީ އެ މުބާރާތުގައި އަންހެނުންގެ 100 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައި، ލޯންގް ޖަމްޕް އިވެންޓުން ގައުމީ ރެކޯޑް ހަދާފައެވެ.

ރޫޔާ، ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. ކުރިން ލޯންގް ޖަމްޕުގެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު، 4.99 މީޓަރު ދުރަށް ފުއްމައިގެން ރެކޯޑް ހެދި ނޫރާ އަބްދުލް ހަމީދު އަތުގަ އެވެ.