އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމުގެ މައްސަލަ އެންމެ ބޮޑު ވެފައިވަނީ މާލެ ސަރަހައްދުގައެވެ. ހުޅުމާލޭގައި މި މައއސަލައަށް ހައްލު ހޯދުމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދާދި ފަހުން އެޗްޑީސީން މިވަނީ ކާރު، އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފައެވެ. އަދި މިވަގުތު އެ ކުންފުނިން ދަނީ ސްމާޓް ޕާކިން ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުންނެވެ.
ދިވެހިރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.
މި މަސައްކަތުގެ ދަށުން މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ މި ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި ކުރިއަށް އެބަދެއެވެ. އެގޮތުން، ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް އެ ސަރަހައްދުގައި ވަނީ ހަރުކޮށްފައެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާތައް ޕާކިން ޒޯންގައި ވަނީ ހަރުކޮށްފައެވެ.
މި ޕާކިން ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ވެސް ޒޯންގެ ބޭރުގައި ހަރުކޮށްފައިވާއިރު މިއީ ހަމަ އެކަނި ކާރު ޕާކިންއަށް ކަނޑައެޅިފައިވާ ސްމާޓް ޕާކިން ޒޯންއެކެވެ.
މި ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ވެސް ހުންނާނެއެވެ.
ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. މި އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް އެ ކުންފުނިން ބުންޏެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!