ސައުދީ ޕްރޯ ލީގުގައި ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއިއެކު އޭނާ ކެރިއާގައި ޖެހި ކުލަބް ގޯލުގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ.
ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗު، އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އަލް ނަސްރުގެ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ރޮނާލްޑޯއެވެ.
މިދިޔަ އާދީއްތަ ދުވަހު އުމުރުން 38، އަހަރު ފުރުނު ރޮނާލްޑޯ، މިދިޔަ އަހަރު ނޮވެމްބަރ މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ސައުދީގެ އަލް ނަސްރަށް ބަދަލުވެ ސައުދީ ލީގުގައި ފުރަތަމަ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ މިހާރު އަންނަނީ މަޑުމަޑުން އެ މާހައުލަށް ހޭނި މެޗަކަށްވުރެ މެޗެއް ކުޅުން ރަނގަޅު ކުރަމުންނެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިންއިރު، ދެވަނަ ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވެފައި ވަނިކޮށެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކުރި އިރު، އޭނާ ވަނީ 61 ވަނަ މިނެޓުގައި އަލް ނަސްރަށް ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މި ހަތަރު ލަނޑާއިއެކު ސައުދީ ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މީގެއިތުރުން ރޮނާލްޑޯ ކުލަބް ގޯލުގެ އަދަދު ވަނީ 503 އަށް އަރާފައއެވެ.
ރޮނާލްޑޯ ކެރިއާ ފަށާފައި ވަނީ ޕޯޗުގަލްގެ ސްޕޯޓިން އިންނެވެ. އެ ޓީމަށް އޭނާ ތިން ލަނޑު ޖަހައިދިންއިރު، މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 103 ލަނޑު ޖަހައިދީފައެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް 311 ލަނޑު ޖެހިއިރު، އިޓަލީގެ ޔުވެންޓަސްގެ ޖޯޒީގައި ރޮނާލްޑޯ ވަނީ 81 ލަނޑު ޖަހާފައެވެ.
މިވަގުތު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތީ ރޮނާލްޑޯގެ އަތުގައެވެ. އޭނާ ވަނީ ޕޯޗުގަލްއަށް 118 ލަނޑު ޖަހައިދީފައެވެ.
މި ނަތީޖާއާއިއެކު އަލް ނަސްރު މިވަގުތު އޮތީ ސައުދީ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. އެ ޓީމަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ކުޅުނު 17 މެޗުން ލިބުނު 37 ޕޮއިންޓާއިއެކު އޮތީ އަލް ޝަބާބެވެ. އަލް ނަސްރު އަތުން ބަލިވި އަލް ވަހްދު މިވަގުތު އޮތީ ތާވަލުގެ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!