ހަގީގީ މުއްސަނދި ކަމަކީ ނަފުސުގެ މުއްސަނދިކަން ކަމަށާއި އެބަހީ މުއްސަނދިކަމުގެ ހަގީގަތަކީ އަޅާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ.
ހުތުބާގައި ބުނީ ހަގީގީ މުއްސަނދި ކަމަކީ ﷲ ތައާލާ ބައްސަވައި، އޭނާއަށް ދެއްވި އެއްޗަކަށް ރުހި ގަބޫލުވުން ކަމަށާއި އޭރުން އޭނާއަށް ބާއްޖަވެރިކަން ލިބޭނެ ކަމަށެވެ. އަދި ހިތްހަމަޖެހިގެން އުޅެވޭނެ ކަމަށެވެ.
މާތްﷲ ދެއްވި ރުޒުގެއް އަތުލެވޭނެ މީހަކު ނުވާނެ ކަމަށާއި މާތްﷲ ދެއްވުމަށް އިރާދަކުރައްވާފައި ނުވާ އެއްޗެއް ހޯދޭނެ ގޮތެއް ނެތްކަން އޭނާއަށް އެނގޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މުއްސަނދިވުމަކީ މުދާ ގިނަވުން ނޫން ކަމަށާއި އެކަމަކު އެއީ ނަފުސުގެ މުއްސަނދިކަން ކަމުގައި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން އެނގެން އޮންނަކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.
"ނަފްސުގެ މުއްސަނދިކަން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތް އައިސްފައިވަނީ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރާނެގޮތް އިންސާނާއަށް ބަޔާންކޮށްދިނުމަށް ކަމަށާއި އެހެންވެ، އިންސާނާ އެންމެކަންބޮޑުވާ ކަމަކީ ދުނިޔެ ހޯދުން އެކަނި ކަމުގައި ހަދައި، އާޚިރަތް ނަގާ ނުލުމަށް އިސްލާމް ދީން ގޮވައިލާ ކަމަށެވެ.
ކީރިތި ރަސޫލާގެ ހަދީސްފުޅުތަކަށް ރިޔާއަތް ކުރައްވާ ހުތުބާގައި ބުނީ މުއްސަނދި ކަމަކީ އިންސާނާ އިއްޒަތްކުރުވާނެ މުއްސަނދިކަން ކަމަށާއި އެހެނީ ހަގީގީ މުއްސަނދިކަމަކީ މުދަލާއި ފައިސާ ގިނަވުން ނޫން ކަމަށެވެ. އަދި ވަޒީފާ މަތިވެ، ފާސްތައް ގިނަވުން ވެސް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!