އުކާލާ ކުނި ބޭނުންކޮށްގެން މާލޭ ސިޓީ ކައުންސިލުން ގަސްކާނާ ތައްޔާރުކުރަން ނިންމައިފިއެވެ.

އެ ކައުންސިލްގެ 88 ވަނަ ރަސްމީ އާންމު ޖަލްސާގައި މިގޮތަށް ނިންމީ އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާތީއެވެ. އަދި ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް ބޭނުންވާތީއެވެ.

Ad
rt

އެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހުގައިވާ ޚިދުމަތުގެ އަގު ނެގުމުގެ ބަޔަށް ގެނެވޭ އިސްލާޙު "ގަސް ކާނާގެ އަގު ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު މާލޭ ސިޓީ ކައުންސިލުންނެވެ." މިގޮތަށް އިސްލާހުކޮށް ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، ނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއްކަމަށެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މީގެ މަގުސަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗާއި، ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ލުއިފަސޭހަ އަދި ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ އުފެއްދުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީ ހޯދުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރި ކަމަށާއި އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދާއި، ދުރު ހިސާބެއްގައި މަސައްކަތްކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއާއިއެކު މިކަމަށް ބޭނުންވާ މުވައްޒަފުން ބޭނުންވާކަމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަންޖެހޭނެކަން ފާހަގަކުރައްވާ އޭނާ ވަނީ މި އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެސް ފާހަގަކުރައްވާފައެެވެ.

މީގެ އިތުރުން މިކަމާއި ގުޅޭ އުސޫލެއްވެސް ތައްޔާރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން ހޭލުންތެރި ކުރަންޖެހޭ ސަބަބާއި ގުޅިގެން އޭނާ ވިދާޅުވީ ރާއްޖޭން ބޭރުން ގެންނަ ގިނަ ގަސްކާނާ ތަކަކީ ކެމިކަލް ހިމެނޭ އަދި ރާއްޖޭގެ މާހައުލާއި ގުޅުން ކުޑަ ބާވަތްތަކެއް ކަމަށެވެ.