މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަމާޒަކީ އުފާލާ އަރާމާ އެކީ އާއިލާއާއެކު ހޭދަކުރެވޭ ބަޔަކަށް ދިވެހިން ހެދުން ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މާލެ އަތޮޅު ގުރައިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަކީ އެ މީހުން މުހުދާތުތައް ފުއްދުމަށް އެއްވެސް ވަރެއްގެ ހާސްކަމެއް ނެތި އެކަން ކުރެވޭ ބަޔަކަށް ހެދުން ކަމަށެވެ. އަދި ކޮންމެ ދިވެއްސަކީ ފުދުންތެރިކަމާއެކު ދިރިއުޅޭ މީހަކަށް ހަދާނެ ކަމަށެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާޒިމް ވަނީ އޭނާގެ ތަސައްވުރު ވެސް ހާމަކުރައްވާފައެވެ. އެގޮތުން އެ ޕާޓީން ބަލަނީ ރައްޔިތު މީހާގެ ބޭންކު އެކައުންޓަކީ ހިތްހަމަޖެހޭ ވަރަށް އެ އެކައުންޓުގައި ފައިސާ ހުންނަ އެކައުންޓަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

ގުރައިދުއަށް އެމްއެންޕީން ކުރަން ރާވާފައިވާ ޕްލޭންތަކުގެ މައުލޫމާތު ހިއްސާކުރައްވާ ވިދާޅުވީ އެމްއެންޕީން ނިކުންނަނީ ގުރައިދޫއަށް އަދި މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި އެ ޖަގަހައިގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކަންކަން ރޭވުމުގައި ހާއްސަކޮށް، އެރަށުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ވަރަށްބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.