ފީފާ ކުލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އަލް އަހުލީއާއި ރެއާލް ބައްދަލުކުރި މެޗު، ރެއާލުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗަށް ރެއާލުން ނުކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމްގެ އެއް ނަމްބަރު ކީޕަރު ކޯޓުއާ ޓީމުގައި ހިމަނާފައި ނުވާއިރު، ރެއާލުގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ވެސް އަނިޔާގެ ސަބަބުން ޓީމުގައި ހިމަނާފައި ނުވެއެވެ. ނަމަވެސް އަނިޔާއިން ސަލާމަތްވެ އަލަބާ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރާގައ ހިމެނިގެން ކުޅެފައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ރެއާލުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. ވިނީސިއަސް މި ލަނޑު ޖަހާފައި ވަނީ އަލް އަހްލީގެ ޑިފެންސުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ރެއާލަށް ލީޑު ފުޅާކޮށްދީފައި ވަނީ ވަލްވަޑޭއެވެ. ވަލްވަޑޭ މި ލަނޑު ޖަހާފައި ވަނީ ރޮޑްރިގޯ ފޮނުވާލި ހަމަލާއެއް އަލް އަހުލީގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮތް ރެއާލް ކޮޅަށް މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލް އަހުލީގެ އަލް މާލޫލް ވަނީ ލަނޑުޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފައެވެ. މި ޕެނަލްޓީ ލިބިފައި ވަނީ ރެއާލްގެ އޭރިއާ ތެރެއިން އަލް އަހުލީގެ ޝާހަތުއަށް ކަމަވިންގާ ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ރެއާލަށް ޕެނަލްޓީއެއް ލިބުނުއިރު، މޮޑްރިޗް ފޮނުވާލި އެ ޕެނަލްޓީ އަލް އަހުލީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ ދީފައި ވަނީ ރެއާލްގެ ވިނީސިއަސްއަށް އަލް އަހުލީގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ވީއޭއާރުން އިތުރަށް ބެލުމަށް ފަހުއެވެ.

ރެއާލުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ރޮޑްރިގޯ ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ސެބާޔޯސްއާއި ރޮޑްރިގޯ ގުޅިގެން އުފެއްދި ފުރުޞަތެއްގައެވެ. ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ ފަހުވަގުތު ކުޅެން ނުކުތް ސާޖިއޯ އަރިބާސްއެވެ.

ރެއާލް މެޑްރިޑާއި އަލް ހިލާލް ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

ކުލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ރެއާލް މެޑްރިޑެވެ. އެ ޓީމުން ވަނީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.