މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސް ކުރައްވައިފިއެވެ.
އެ ކޮމިޝަނުން މިގޮތަށް އިލްތިމާސް ކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތާއި ދިމާކޮށް މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުމެއް، ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާވެފައިވާތީ އެވެ.
ބްރޯޑްކޮމް އިން ނެރުނު ސަރކިއުލަރއެއްގައި ވަނީ އެއީ އެ ކޮމިޝަނުން ނުހަނު ކަންވޮޑުވާ ކަމެއް ކަމަށާއި މި އެއްވުން ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންނަށް އެފަރާތްތަކުގެ ޒިންމާ އެންމެފުރިހަމައަށް އަދާކުރުމަށް ބައެއް އާންމުންގެ ފަރާތުން އެކިވަރުގެ ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމަކީވެސް އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވެއެވެ.
"މިހިނގާދިޔަ ކަންތައްތަކާ ގުޅިގެން ކޮމިޝަނުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން މޮނިޓަރިންގ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިފަދަ ކަންތައްތަކަށް ބޭނުންވާ ދާއިމީ ހައްލުގެނައުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ދަންނަވަމެވެ." ބްރޯޑްކޮމްގެ ސަަރކިއުލަރގައި ވެއެވެ.
މީގެ އިތުރުން އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ގާއިމުކޮށްދީ ރައްކާތެރިކަން ކަށވަރުކޮށްދިނުމަށް ހުރިހައި ފަރާތްތަކަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން ގާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ބްރޯޑްކޮމް އިން ވަނީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް އެ ކޮމިޝަނުން ދޫކޮށްފައިވާ "އެކްރެޑިޓޭޝަން ކާޑު" އަބަދުވެސް ފެންނަގޮތަށް ބޭނުންކުރުމަށް ނަސޭހަތްތެރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!