ކޮންމެދުވަހަކު ތުނބުޅި ބާލަން ޖެހޭގޮތައް ރިސޯޓުތަކުގައި ގެންގުޅޭ އުސޫލު ބަދަލުކޮށް ދިނުމަށް ގޮވައިލާ، ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކްރެޓަރީ އަދި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް، ފޭސްބުކްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތުނބުޅި ބެހެއްޓުމާއި ބެހޭގޮތުން ނުވަތަ މަޖުބޫރުން ތުނބުޅި ބޭލުވުމާއި ބެހޭގޮތުން 2019 ވަނަ އަހަރު ސަރވޭއެއް ކުރެވިފައިވާ ކަމަށެވެ.
"މިއީ ވަރަށްގިނަ މުވައްޒަފުންގެ އެދުމުގެމަތިން ކުރެވުނު ސަރވޭއެއް. މި ސާރވޭގައި ބައިވެރި 93 އިންސައްތަ މީހުން ބުނީ ޑީސެންޓުކޮށް ތުނބުޅި ބެހެއްޓެން ޖެހޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް އޭގެ އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މައުރޫފް ވިދާޅުވީ އެ ޖަމިއްޔާގެ މެމްބަރުން ތިބި ބައެއް ރިސޯޓުތަކުގައި ޕެޓިޝަންގައި ސޮއި ކުރަންފަށާ، މެނޭޖްމެންޓުތަކަށް ވެސް ޕެޓިޝަން ފޮނުވާފައިވާ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ހޮޓެލް ޗޭންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑީސެންޓުކޮށް ތުނބުޅި ބެހެއްޓޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ހޮޓެލް ޗޭންތަކުގައި މިހާރުވެސް އެކަން ކުރުމުގެ ފުރުސަތުލިބެމުންދާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހައި ރިސޯޓެއްގައި ވެސް މަސައްކަތްކުރާ މަސައްކަތްތެރިންނަށް ޑީސެންޓުކޮށް ނުވަތަ ކޮންމެދުވަހަކު ތުނބުޅި ނުބާލާ މަސައްކަތް ކުރުމުގެ ފުރުސަތާއި މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަން އެގޮތަށް ބަދަލުކުރުމަށާއި ރިސޯޓުތައް ހިންގާ ފަރާތްތަކަށް ސަރުކާރުން އެކަން އެގޮތަށް އެންގުމަށް، އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މަސައްކަތްތެރިން އެދޭ ބަދަލުތައް ގެނައުމަށް އޭނާ ވަނީ ގޮވައިލައްވާފަ އެވެ. ހާއްސަކޮށް ޓީމުގެ މެމްބަރުން ވަރަށްބޮޑަށް އެކަމަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!