މ. ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައިހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމްއެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރ އާދަމް ރަހީމްއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޞީރު ވިދާޅުވީ، މި މަޝްރޫއަކީ ރައީސް ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ކުރެވުނު މަޝްވަރާގެ މަތިން އެރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ވައުދުވި މަސައްކަތެއް ކަމަށެވެ.
މި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ސަރުކާރުން ޕީ.އެސް.އައި.ޕީ އިން 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް އެއް އަހަރު ދުވަހުގެތެރޭގައި ނިންމަން ޖެހެއެވެ.
2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް 100 އެތައް ގެއެއް ރަށުގައި އަޅާދީފައިވާކަން ނަސީރު ވަނީ ފާހަގަ ކުރައްވާފައެވެ.
"އޭގެ އަހަރުތަކެއްފަހުން، އަނެއްކާވެސް ކޮޅުފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ލިބިގެންދާތީ އެކަމާ އުފާކުރާ ކަމެއް." ނަސީރު ވިދާޅުވިއެވެ.
ކޮޅުފުށީ 100 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު ހުއްޓިގެންދިޔައީ ކޯވިޑް-19ގެ ސަބަބުން މަޝްރޫއުގެ މަސައްކަތްތަކަށް ބޭނުންވާ މީހުންނާއި ސާމާނު ގެނައުމުގައި ކޮންޓްރެކްޓަރަށް ކުރިމަތިވި ދަތިތަކުގެ ސަބަބުންނެވެ.
މި 100 ހައުސިންގ ޔުނިޓަކީ މުޅިން ވެސް 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!