ރުކަކުން ވަގަށް ފަސް ކާށި އެޅި މީހަކު ތިން މަހަށް ޖަލަށްލާން ކޯޓަކުން ހުކުމްކޮށްފި އެވެ.
ގދ. ވާދޫ ކޯޓުން މިދިޔަ ހަފުތާގައި އެރަށު މީހެއްގެ މައްޗަށް އެ ހުކުމްކުރީ 2020 ވަނަ އަހަރު އެރަށު ޖަމާލުއްދީން ސްކޫލްގެ ގޯތި ތެރޭގައި ހުރި ރުކަކުން ފަސް ކާށި އަޅާފައިވާތީ އެވެ.
އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެ މީހާގެ މައްޗަށް ކުރުމުން އޭނާ ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ތިން މަހަށް ޖަލަށްލީ ކުރިން އެހެން ކުށެއް ސާބިތުވެފައި އޮތުމުންނެވެ.
ތިން މަހަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި 15 ދުވަހުގެ ހުކުމެކެވެ.
އެ މީހާގެ މައްޗަށް ފުލުހުންނަށް އިންޒާރު ދިނުމުގެ ކުށެއްގައި ވެސް ނުވަ މަހުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި އެވެ. އެއީ 2019 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އޭނާގެ ޝީޝާއެއް އަނބުރާ ނުދީފިނަމަ ފުލުހުންގެ ސައިކަލެއް ހަލާކުކޮށްލާނެ ކަމަށް ބުނުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!