ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި އިސް މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމުގެ ތަފްސީލުތައް ހޯދަން އައިމަން ލަތީފްގެ ފަރާތުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގާފައިވަނީ އެ މައުލޫމާތު ދިނުމަށެވެ.

Ad
rt

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތްގޮތުން، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބީއެމްއެލްއަކީ ބޭންކިން ހިދުމަތް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި އެހެންވެ، އެ ކުންފުނީގެ މައްޗަށް ވެސް އެ ގާނޫނު ހިންގޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިނގާނެ ކަމަށް އައިކޮމްއިން ހެދި ގަވާއިދުގައި ލިޔެފައި އޮތުމަކީ ވެސް ގާނޫނާ ޚިލާފް ކަމެއް ނޫނެވެ.

މީގެ އިތުރުން އައިމަން ލަތީފްގެ ފަރާތުން ހޯދަން އެދުނު މައުލޫމާތަކީ ގާނޫނުގައި ސިއްރު ކުރެވޭނެ މައުލޫމާތެއް ކަމަށް ނުވާތީ އެ މައުލޫމާތު ހާމަކުރަން އެންގީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.