މަޔޯކާ އަތުން ބަލިވެ ރެއާލުގެ އުންމީދަށް ހުރަސްތަކެއް

7BD20C3B-BEA4-4C67-BF19-FEC9B6C5C4B6

ސްޕެނިޝް ލަލީގާގައި މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗުން ރެއާލް ބަލިވެ އެ ޓީމުން ލީގު ކާމިޔާބު ކުރުމަށް ކުރަމުން އަންނަ އުންމީދަށް ހުރަސް އެޅިއްޖެއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް މުޅި މެޗުގައި ވެސް އެ ޓީމަށް ލަނޑު ޖަހާނެ ފުރުޞަތެއް ކުޅުމުގެ ތެރެއިން ތަނަވަސް ކުރެވިފައި ނުވެއެވެ. މުޅި މެޗުގައި މަޔޯކާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މިއީ 2021 ވަނަ ސެޕްޓެމްބަރ މަހު ވިޔަރެއާލާއި ބައްދަލުކުރި މެޗަށް ފަހު އެ ޓީމަށް އޮންޓާގެޓް ސޮޓެއް ވެސް ފޮނުވާނުލެވި ނިމުނު ފުރަތަމަ މެޗެވެ.

މި މެޗުގައި މަޔޯކާއިން ލަނޑުޖަހައި ލީޑު ނަގާފައި ވަނީ 13 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ރެއާލުގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ދިފާއުކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ރެއާލްގެ ޑިފެންޑަރ ނަޗޯގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުޞަތެއް ރެއާލަށް ވަނީ ލިބިފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި މަޔޯކާގެ އޭރިއާ ތެރެއިން އެ ޓީމްގެ ކީޕަރު، ރެއާލުގެ ވިނީސިއަސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެސެންސިއޯ ފޮނުވާލިއިރު، އެ ޕެނަލްޓީ މަޔޯކާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި ނަތީޖާއާއި އެކު ރެއާލް ތާވަލުގެ ދެވަނާގައި އޮތީ 20 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް ބާސެލޯނާއަށް މިވަގުތު 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ބާސާއާއި ސެވިއްޔާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު 8 ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުޞަތު ބާސާއަށް ވަނީ ތަނަވަސް ވެފައެވެ. މިމެޗުން މޮޅުވި މަޔޯކާ މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *