ކުނި ނެގުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިފިއެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ސަރަޙައްދުތަކާއި ގެތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

މޭޔަރު މުޢިއްޒު ވިދާޅުވީ މިއަދު މިހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ، އެމަސައްކަތާއިގުޅޭ އިދާރީ ކަންކަން ކުރިއަށްގެންދިއުމަށް ޖާގަ ނެތުމާއިއެކީގައި ޖާގަ ހަމަޖެއްސުމަށް ކުރެވުނު މަސައްކަތުގެތެރެއިން ހުޅުވުނު އޮފީހެއް ކަމަށެވެ.

އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންގޮސް އެތައް އަހަރުތަކަކަށްފަހު މިހާރު އަނެއްކާވެސް މި މަސައްކަތް ފެށިފައިވާ ކަމަށާއި މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން ވެސް މޭޔަރު ވަނީ ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ އާންމު ޚިދުމަތް ތަކާއިބެހޭބައިގައެވެ.