މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށާއި ދެބައެއްގެ އަރާރުމާއި ހެދި އާއްމުންނަށް އުނދަގޫ ވެގެން ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާ ނެޓް، އާރްއޯއެލް އަދި ސްޓެލްކޯ އިން އެ އޮތޯރިޓީ އާއެކު ބޭއްވި މަޝްވަރާގައެވެ.

Ad
rt

މި ބައްދަލުކުރުމުގައި ޝަރީފް ވިދާޅުވީ އާންމުން އެއަށް އަމަލުކުރަން ލާޒިމުކުރާ އުސޫލެއް ކައުންސިލަކުން ހެދޭނީ އެލްޖީއޭ އާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް މިކަމުގައި އެއްވެސް ވަރަކަށް އެލްޖީއޭ މަޝްވަރާކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މިފަދަ އުސޫލެއް ހެދޭއިރު، އެލްޖީއޭގެ ފަރާތުން ބަހެއް ބުނެވިފަ އޮތުން. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު އަސަރެއް ކުރަމުންދާތީ އަޅުގަނޑުމެން ގަބޫލުކުރަނީ މި ހިދުމަތްދޭ ފަރާތްތަކާ އެކީގަ ވެސް މަޝްވަރާކުރަން ޖެހޭނެ ކަމަށް. އެކަމަކު އެވެސް ނުކުރެވި އޮތް ކަމެއްކަން ފާހަގަކުރެވޭ." ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއް ކަމަށާއި މީގެކުރިން އަގު ނުނަގާ ކަންކަމަށް މި އުސޫލުގެ ދަށުން އަގު ނަގަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މީގެކުރިން ހިލޭ ކުރަމުން އައި، ކަންކަމުގެ ތެރޭގައި ރޯޑް ބްލޮކްތަކާއި މަތިނަގާ ކޮންމެ ޖަކްޝަނަކަށް އަގު ނަގާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިފަދަ ކަމެއް ކުރާއިރު، އާންމު ރައްޔިތުންނަށް ވަކި މުއްދަތެއް ދިނުމަށްފަހު، އުސޫލަށް އަމަލުކުރަން ފެށޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކަމަށާއި ނަމަވެސް ގެޒެޓްކޮށްފައިވަނީ ޖެނުއަރީ ދެވަނަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ.

މި އުސޫލުގެ ދަށުން އާއްމު ރައްޔިތުންނަށް ދޭ ހިދުމަތްތަކުން އަގު ނުނަގާނެކަމަށް ސިޓީ ކައުންސިލުން ބުނިނަމަވެސް އެއީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލަކީ ކުންފުނިތަކުން ދޭ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް މަގުފަހިކޮށްދޭން އޮންނަ ތަނެއް ކަމަށެވެ. އެހެންވެ، ކައުންސިލްގެ ފަރާތުން ޖެއްސުން ކުރުމުގެ އެއްވެސް އަމަލުތައް ފެނިގެން ނުވާނެކަމަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުގެ އުސޫލުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫނުވާނެކަމަށް ބުނެ މޭޔަރ ޓްވީޓެއްކޮށްލުމުން ފުދުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން މިކަމުގައި އަމަލުކުރާ ގޮތެއް އާއްމުކޮށް އިއުލާން ކުރަންޖެހޭ ކަމަށާއި، އޭރުން މައްސަލަ ހައްލުވާނެ ކަމަށެވެ.