މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިން ކަމަށް ބުނެ ކުރާ ދައުވާގައި, އެ މައްސަލައިގެ ތަހުގީގުގައި މުއިއްޒު ހަނުހުރުމުން އޭނާގެ ދިފާއީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން މިއަދު އެދެފި އެވެ.
ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ނޫމަޑިން ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެ އެވެ.
މުއިއްޒުގެ ފަރާތުން ވަނީ ވަނީ ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ހުށަހަޅައިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، އަދި މުއިއްޒު އާބިޓްރޭޝަނަށް ދީފައިވާ ކަމަށް ބުނާ "ވިޓްނަސް ސްޓޭޓްމަންޓް" އަށް ވެސް އިންކާރު ކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ބަޔާނުގައި ފެންނަ މުއިއްޒުގެ ސޮއި ކަމަށް ބުނާ ސޮޔަކީ އޭނާގެ ސޮއި ނޫން ކަމަށް ސާބިތުކުރަން މުއިއްޒުގެ ސޮއި ދަންނަ އަދި ދެކެފަރިތަ ތިން މީހަކު ދިފާއީ ހެކިން ގޮތުގައި ހުށަހެޅިޔަސް އެ ހެކިން ބަލައިނުގަނެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން އޭރު ހައުސިން މިނިސްޓްރީގައި މަސައްކަތްކޮށްފައިވާ އިތުރު ބަޔަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު އެއީ މައްސަލައިގެ ވާގިއާތަކާ ވެސް ގުޅުމެއް އޮތް ހެކިންނެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި މުއިއްޒުގެ ދިފާއީ ވަކީލު ހިޝާމް މަޖީދު ވިދާޅުވީ ހަނު ހުރުމަކީ އަސާސީ ހައްގަކަށް ވާއިރު ހަނު ހުރުން އޭނާއާ ދެކޮޅަށް ބޭނުން ކުރުމަށް ވަކި ހާލަތްތަކެއް އޮންނަ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ހާލަތެއް އެ މައްސަލައިގެ ތަހުގީގުގައި ކުރިމަތިވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އާބިޓްރޭޝަނަށް މުއިއްޒު ދީފައިވާ ކަމަށް ބުނާ ބަޔާން ވެސް ތަހުގީގު މަރުހަލާގެ ތެރޭގައި މުއިއްޒާ ހިއްސާކޮށްފައި ނެތް ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. އެ ބަޔާން ހިއްސާކޮށްދިނުމަށް އެދި އެކި ފަހަރު މަތިން މުއިއްޒުގެ ފަރާތުން ފުލުހަށް ސިޓީ ފޮނުވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ހިޝާމް ވިދާޅުވީ ބަޔާނާ ގުޅިގެން ތަހުގީގަށް ޖަވާބުދާރީވާނެ ކަމެއް އޮތް ކަން ވެސް އެނގޭނީ އެ ބަޔާނެއް ފެނިގެން ކަމަށެވެ. އަދި ހަނު ހުރުމަކީ މައްސަލައިގެ ތަފުސީލެއް އެ މީހަކަށް ހިއްސާކުރުމަށް އޮތް ގާނޫނީ ހުރަހެއް ވެސް ނޫން ކަމަށް ދިފާއީ ވަކީލު ހިޝާމް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ އަންނަ ހަފުތާގައި އަޑުއެހުމެއް ތާވަލުކުރާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ދައުލަތުގެ ހުށަހެޅުންތަކަށް ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!