ޖަރުމަނު ކަޕްގެ ގަދަ ސޯޅައިގެ ބުރުގައި ރޭ ބަޔާން މިއުނިކާއި މައިންޒް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ. މައިންޒްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ.
ޖަނަވަރީ ޓްރާންސްފާގެ ފަހު ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ބަޔާން މިއުނިކާއި ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.
މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޗޫޕޯ މޯޓިން ޖެހިއިރު އެ ލަނޑު ޖެހުމަށް ފުރުޞަތު ފަހި ކޮށްދީފައި ވަނީ ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެންސެލޯއެވެ.
މެޗުގެ ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަމާލް މުސިއާލާއެވެ. ތިންވަނަ ލަނޑު 44 ވަނަ މިނެޓުގައި ޗޫޕޯ މޯޓިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.
ބަޔާނުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު 83 ވަނަ މިނެޓުގައި ކިމިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަލްފަންސޯ ޑޭވިސްއެވެ.
މި މެޗު މައިންޒް އިން ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމްގެ އެލެކްސެންޑާ ހެކަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!