ޕާކިންއެއް ނަގާއިރު ރައްޔިތުންނަށް އިތުރުގޮތެއް ދައްކައިދޭން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާޠިހު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ސްޓިކަރ ޖަހަންޖެހޭ ހާލަތުގައި އެކަންވެސް ކުރަންޖެހޭނެ ކަމަށާއި އެހެންނަމަވެސް ސްޓިކަރ ޖަހަންވާނީ މީހުންނަށް ޕާކު ކުރެވޭނެ ބިލްޑިންގ ތަކެއް ދެއްކުމަށްފަހުކަމަށެވެ.
މި ހައްލު ރައްޔިތުންނަށް ގެނެސްނުދީ ހިފަހައްޓަނީ ކޮންބޭނުމަކު ކަމެއް ނޭނގޭ ކަމަށާއި މިއީ ދައުލަތުގެ ބަޖެޓަށް ބުރަވެ، ދަޢުލަތުން ތަކުލީފެއް އުފުލަން ޖެހޭ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ޕާކިންގް އިމާރާތްތައް އެޅުމަށް އޮތް ހުރަހަކީ ސަރުކާރުން މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ޕާކުކޮށްފައި އޮތުން ކަމަށާއި މިއަދުވެސް މި މަސައްކަތްކޮށް ހައްލުހޯދެން އޮތީ ޕްލޭން ފާސްކޮށްދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން މި ހުރިހާ ކަމެއް ހިފަހައްޓާފައިވަނީ މާލޭ ސިޓީ ކައުންސިލުގައި ސަރުކާރާއި އިދިކޮޅު މެޖޯރިޓީއެއް އޮތުމުން. ކައުންސިލަށް ހޮވިފައި ތިބި ގިނަ އެމްޑީޕީ ކައުންސިލަރުންނަކީ މިސަރުކާރުން މާލެއަށް އަޅާނުލާ ނުލުމުގެ ވާހަކަ ދައްކާ ބަޔަކަށްވާތީ ޖެއްސުމަށް ކުރާ ކަމެއް. އަދި މާލެ ސިޓީ ކައުންސިލްގެ ލޭންޑްޔޫސް ޕްލޭން މިއޮތީ ވަކި މުއްދަތެއްނެތި ޕާކުކުރެވިފަ." ސައިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާފައިވުމުގެ ސަބަބުން ކައުންސިލުން މާލެ ސިޓީއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ކައުންސިލުން މާލެއަށް ގެންނަން އެދޭ ބަދަލާއި، ރައްޔިތުން ގާތު ހައްލު ކޮށްދޭން ބުނި ކަންކަން ހައްލުކޮށްދިނުމުގެ ފުރުސަތެއް ނެތް ކަމަށާއި ލޭންޑް ޔޫސް ޕްލޭނެއް ނުހަދާ ކައުންސިލްތަކަށް ވަކި ކަންތައްތަކެއް ކުރުމުގެ ފުރުސަތު ސަރުކާރުން ދީފައިވަނީ 'ހަމައެއްލަމައެއް' ނެތި ކަމަށް ވެސް ސައިފް ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭނެއް ހަދާ އެ ޕްލޭން ފާސްކޮށްދިނުމަށް ސަރުކާރަށް ހުށަހެޅީ އެތައް ވަގުތެއް އެކަމުގައި ހޭދަކޮށް ބޮޑު ޕްރޮސެސްއެއް ތެރެއިން މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށާއި، އެހެންނަމަވެސް އެކަންވާގޮތެއްނުވި ކަމަށް ވިދާޅުވިއެވެ. އަދި މި ޕްލޭން ފާސްކޮށްނުދީ ހިފަހައްޓާ ހިފެހެއްޓުން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ ކައުންސިލާއި ސަރުކާރާއިއެކު އެއްބަސްވެވިފައިވާ ސްޓްރީޓް ސްކޭޕިން މަޝްރޫޢުގައި ހިމެނޭ ޕާކިންގް ބިލްޑިންގްތައް އެޅުމަށް ކުރީ ކައުންސިލުން ސަރުކާރާއިއެކު ކުރި މަސައްކަތްވެސް މި ކައުންސިލާއި ހަމަޔަށް އައިމާ ހިނގާ ގޮތްނުވި ކަމަށް ސައިފް ވިދާޅުވިއެވެ.
ސައިފަކީ ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރެއްގެ ގޮތުގައި ގަލޮޅު އުތުރު ދާއިރާގެ ކައުސިލްގެ ގޮނޑި ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!