އިނިގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މިރޭ ބްރައިޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.
މިރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެލިއޮޓް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލް އޭރިއާ ބޭރުން ބްރައިޓަންގެ ލަމްޕްޓޭ ފޮނުވާލި ބާރު ހަމަލާ ލިވަޕޫލުގެ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ބްރައިޓަންގެ ލެވިސް ޑަންކްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.
މެޗުން ބްރައިޓަން މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓްގެ ތެރޭ ބްރައިޓަންއަށް ކުޅެމުން އަންނަ ޖަޕާންގެ ފޯވާޑް މިޓޯމާ ކާމިޔާބުކުރި ލަނޑުންނެވެ.
ދަށް ނަތީޖާތަކެއް މި ސީޒަންގައި ނެރެމުން އަންނަ ލިވަޕޫލުން މިރޭ އެފްއޭ ކަޕުން ކެޓިއިރު، އެ ޓީމް ވަނީ ލީގު ކަޕުން ވެސް ކަޓާފައެވެ. އެ ޓީމް މިވަގުތު ޕްރިމިއާ ލީގުގައި ވެސް އޮތީ 9 ވަނާގައެވެ.
އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލިވަޕޫލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!