އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗުގައި، ސަސުއޯލޯ އަތުންތަފާތު ބޮޑުކޮށް މިލާން ބަލިވެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް އެ ޓީމް ވެއްޓިއްޖެއެވެ. މިއަދު މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމް ބަލިވެފައި ވަނީ 5-2 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭ މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޖިރޫޑް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑްގައި ހުރުމުން ވަނީ ލަނޑު ބަލައި ނުގަނެފައެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނަގާފައި ވަނީ ސަސުއޯލޯއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ބެރާޑީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޑެފްރެލްއެވެ.

ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން މިލާންގެ އޭރިއާ ތެރެއިން ބެރާޑީ ކުޅުނު ބޯޅައެއް ހިފައިގެން ވަދެ ގޯލުގެ ކައިރި ކަނަށް ފޮނުވާލައިގެން ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފްރެޓޭސީއެވެ.

ސަސުއޯލޯއިން ދެ ލަނޑުގެ ލީޑެއް ނެގިތާ ދެ މިނެޓް ފަހުން މިލާންގެ ކެލަބްރިއާ ސަސުއޯލޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖިރޫޑް ވަނީ މިލާނަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ.

ސަސުއޯލޯގެ ތިންވަނަ ލަނޑު 30 ވަނަ ލިބުނު ކޯނަރަކުން އެ ޓީމްގެ ޓްރައޯރޭ މިލާންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބެރާޑީއެވެ.

ސަސުއޯލޯގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ލައުރެންޓޭއެވެ. އެ ޓީމްގެ ފަސްވަނަ ލަނޑު 79 ވަނަ މިނެޓުގައި ބެރާޑީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހެންރީކޭއެވެ.

މިލާންގެ ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖޫނިއާ މެސިއަސް ދިން ބޯޅައެއް ސަސުއޯލޯގެ އޭރިއާ ބޭރުގައި ހުރެ އޮރީގީ ވަނީ ގޯލުގެ މަތީކަނަށް ފޮނުވާލާފައެވެ.

މި ބައްޔާއިއެކު މިލާން ހަތަރު ވަނައަށް ވެއްޓުނުއިރު އެ ޓީމަށް ލިބިފައި ވަނީ 20 މެޗުން 38 ޕޮއިންޓެވެ. މިވަގުތު 19 މެޗުން ލިބުނު 50 ޕޮއިންޓާއިއެކު ނަޕޯލީ އެއްވަނާގައި އޮތްއިރު، 20 މެޗުން ލިބުނު 40 ޕޮއިންޓާއިއެކު ދެވަނާގައި އޮތީ އިންޓައެވެ. ތިންވަނާގައި 20 މެޗުން ލިބުނު 38 ޕޮއިންޓާއިއެކު އެތުލާންޓާ އޮތްއިރު، މި މެޗުން މޮޅުވި ސަސުއޯލޯ އޮތީ ކުޅުނު 20 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު 15 ވަނާގައެވެ.