ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ، އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދާ ދެ ބޭފުޅުންނަކީ ވެރިކަންކުރުމުގެ ގާބިލުކަން ހުރި ދެބޭފުޅުން ނޫންކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް، ދުންޔާ މައުމޫން ވިދާޅުވުމުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ރައްދު ދެއްވައިފި އެވެ.

މިމަހުގެ 25 ވަނަ ދުވަހު ދުންޔާ ކުރެއްވި ޓުވީޓަކަށް، އަނދުން ހުސައިން ރައްދު ދެއްވަމުން މިއަދު ވިދާޅުވީ، ކައި ބޮއިގެން ބޮޑުވެފައި ތިހުރީ ދައުލަތް ހުސްކޮށްގެން ކަމަށާއި އަދިވެސް މިއުޅެނީ އެކަމަނާމެން ކޭވަރުން ރައްޔިތުން ސަލާމަތް ނުވެގެން ކަމުގައެވެ.

Ad
rt

" سبحان الله ، ކަމަނާ އަކީ 30 އަހަރުގެ އަނިޔާވެރިކަން ދިފާއުކުރަން ބަޑިޖަހާ ދިވެހިން މެރި މީހާގެ ދަރި ނޫންތޯ؟ "

އަނދުން ހުސައިންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

''ނަޝީދާއި ރ.ސޯލިހުގެ ތަފާތެއް ނެތް. ވެރިކަން ހިންގުމުގެ ގާބިލުކަމެއް ދެމީހުންގެވެސް ނެތް. ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރުކުރަން ދޫކޮށްލީ. ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް "ހިލޭ އެހީ" ގެ ގޮތުގައި ދެމީހުންވެސް ދިނީ. އެމްއެންޕީ ސަރުކާރެއް ހިންގާނީ ގާބިލު މީހުން''

ދުންޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ދުންޔާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ކަމަށް ނިންމާފައިވާއިރު، އެ ޕާޓީން މިހާރު ދަނީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންނެވެ.