ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި ބަންގްލަދޭޝް ވެއިޓަރަކު މަރާލި މައްސަލާގައި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
މިއަދު އޮތީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި ފުލުހެއްގެ ހެކިބަސް ނެގުމެވެ. އެ ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމުން، ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ޝަފައީ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އެވެ.
ދިފާއީ ހެއްކެއް ނެތުމުން ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ.
ދެ ފަރާތުން ވެސް އެއް އަޑުއެހުމެއްގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށެވެ. އެހެންވެ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ އެއް މަސް ދުވަހުގެ ތެރޭގައި އެ އަޑުއެހުން ބޭއްވުމަށެވެ.
ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި އޮންނަ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!