ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު ހަނި ތަފާތަކުން ކާމިޔާބުކޮށް ބާސާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ.
މިރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ޖޯޑީ އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާވުމުން ބަދަލުކުރި އިރު، ޕެޑްރީ ކުޅެން ނުކުމެފައި ވަނީ ޑެމްބެލޭގެ ބަދަލުގައެވެ. މި މެޗަކީ އުމުރުން 20 އަހަރުގެ ޕެޑްރީ ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. މިއީ މި ސީޒަންގެ ލީގުގައި ޕެޑްރީ ޖެހި ފަސްވަނަ ލަނޑެވެ.
މި މެޗުގައި ޖިރޯނާއަށް ބާސާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ވަނީ ވެސް އެންމެ ދެ ހަމަލާއެވެ. އެ ޓީމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 19 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމާއި ރެލިގޭޝަން ޒޯނާއި ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.
ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ބާސާގެ ދެ ފޯވާޑުން ކަމަށްވާ ލެވަންޑޯސްކީއާއި ފެރާން ޓޯރޭސް ކުޅެފައިނުވާއިރު، ކޯޗް ޒަވީ މި މެޗުގައި ސެންޓަ ފޯވާޑަށް ކުޅުވާފައި ވަނީ އަންސޫ ފާޓީއެވެ.
މި ސީޒަންގައި ބާސާއިން ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު 9 މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. އެންމެ ފަހުން އެ ޓީމް ލީގުގައި ބަލިވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވާދަވެރި ރެއާލް މެޑްރިޑް އަތުންނެވެ.
މި މެޗުން މޮޅުވުމާއިއެކު ބާސާ މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި ރެއާލް އޮތީ ކުޅުނު 17 މެޗުން ލިބުނު 41 ޕޮއިންޓާއި އެކުގައެވެ. މާދަމާ ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑްއާއި ވާދަކުރާއިރު މި މެޗު ކާމިޔާބު ކޮށްގެން ބާސާއާއި މިހާރި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު ރެއާލަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!