އިނގިރޭސި އެފްއޭކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ.

ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ސިޓީގެ ގޯލަށް ނުރައްކާ ވެސް ކޮށްފައެވެ. މިގޮތުން އާސެނަލްގެ ޓްރޮސާޑް ސިޓީގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅައެއްގައި އެ ޓީމްގެ ޓޮމިޔާސޫ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ކީޕަރު އޮރްޓޭގާ ވަނީ މަތަކޮށްފައެވެ.

އެއަށްފަހު ޓްރޮސާޑް ވެސް ވަނީ ސިޓީގެ ގޯލަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާގެ ހުރަހަކަށް ވެސް ވީ ސިޓީގެ ކީޕަރެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކުރި އިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 64 ވަނަ މިނެޓުގައި އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާއެއް އާސެނަލްގެ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ހޯދައި ގްރީލިޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އާކޭއެވެ.

މި މެޗުން ބަލިވުމާއިއެކު އާސެނަލް ވަނީ އެފްއޭ ކަޕުން ކަޓާފައެވެ.