އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމަށް ޕޯޓަލެއް ޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ގާއިމުކޮށްފިއެވެ.
ޑީއެންއާރް އިން ބުނީ މިއީ އުފަންވާ ކޮންމެ ކުއްޖެއް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ކަމަށެވެ.
ހޮސްޕިޓަލްތަކުން މީގެކުރިން، ގަލަމުން ފުރަމުން އައި ފޫޅުމައި ފޯމު ފުރުން ނިމުމަކަށް އައިސް ފޫޅުމައި ފޯމު ދެން ފުރާނީ މި ޕޯޓަލުންނެވެ. އަދި އެ ފޯމު ފުރުމަށްފަހު، ކައުންސިލަށް ފޮނުވުމުން ކުއްޖާ ރަޖިސްޓްރީވީ ކަމަށް ބެލެވޭނެ ކަމަށާއި ބެލެނިވެރިޔާއަށް ދޭނީ ފޯމުގެ ކޮޕީ ކަމަށް ޑީއެންއާރް އިން ބުނެއެވެ.
އަލަށް އުފަންވާ ކުދިންގެ ރަޖިސްޓްރީގެ ކަންކަން މީގެކުރިން އޮންނަގޮތުން ބެލެނިވެރިންނަށް ބޮޑުތަކުލީފެއް އުފުއްލަން ޖެހެއެވެ. އެގޮތުން ހޮސްޕިޓަލުން ދޭ ފޫޅުމައި ފޯމު ހިފައިގެން ބެލެނިވެރިޔާ ކައުންސިލަށް ދާންޖެހެ އެވެ. އަދި ކުއްޖާ އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފި ނަމަ، 10،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މިފަހުން ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ވެސް އާންމުން ވަނީ ކަންބޮޑުވުން ކޮށްފައެވެ.
މި ޕޯޓަލް އާއެކު އުފަންވުން ރަޖިސްޓަރީ ކުރަން މި ގާނޫނުން ލިބޭ މުއްދަތު ކުރުވެގެން އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރު ކުޑަވީއެެވެ.
އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގެ ބިލު ތަސްދީގުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މި ބިލަށް ރައްޔިތުންްގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އޮތް އިރު ވެސް އާންމުން ކަންބޮޑުވުން ފާޅުކުރި އެވެ. އެއާއެކު ދިން ލުޔަކީ ގާނޫނު ކަނޑައެޅަޅާފައި އޮންނަ މުއްދަތުގައި ރަޖިސްޓްރީނުކޮށްފި ނަމަ ޖޫރިމަނާކުރުމުގައި އެ ކަން ނުކުރި ސަބަބަކަށް ރިއާޔަތް ކުރެވޭ ގޮތަށް އިސްލާހު ގެނައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!