އިންސާނީ ތަރައްގީ ގެނެވޭނީ ހޭލުންތެރި ތައުލީމީ ރައްޔިތެއް ބިނާކޮށްގެން ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ޤައުމީ ކުތުބުޚާނާ ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޔުމްނާ ވިދާޅުވީ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީގެ ވާހަކަދައްކާއިރު، ތަރައްގީގައި އިގްތިސާދުގެ ތަރައްގީއެކޭ އެއްވަރަކަށް އިންސާނީ ތަރައްގީވެސް މުހިންމު ކަމަށެވެ. އަދި އިންސާނީ ތަރައްގީ ގެނެވޭނީ ހޭލުންތެރި ތައުލީމީ ރައްޔިތެއް ބިނާކޮށްގެން ކަމަށެވެ.
މީގެ އިތުރުން ފޮތްކިޔާ މައުލޫމާތު ހޯދާ ދިރާސާކުރާ ޖީލެއް ބިނާކޮށްގެން ކަމަށް ޔުމްނާ ވެސް ވިދާޅުވިއެވެ.
ބީއެމްއެލްގެ އެހީއާއެކު ގައުމީ ކުތުބުޚާނާ ތަރައްގީކޮށްފައިވާއިރު، ކުތުބުޚާނާގެ "މައި ރީޑިންގ އޭރިޔާ" ގެ ޑިޒައިންނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މާހައުލާގުޅޭ ގޮނޑިއާއި މޭޒު އަދި ބީންބޭގްސް ބަހައްޓައި، ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އިންޓަރނެޓް ބޭނުންކުރުމަށް ފަހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ވަނީ ބަހައްޓާފައެވެ. އަދި ކުތުބުޚާނާގެ މަޢުލޫމާތާއި ލިބެންހުރި ފޮތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް 65 އިންޗީގެ ޓީވީއެއްވެސް ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން ފޮތްތަކަށް އަޑުއެޅުމާއި، ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ބޫތެއް ވެސް ވަނީ ބަހައްޓާފައެވެ. މިއީ މުޅިން އަލަށް އޯޑިއޯ ބޫތެއް ގާއިމުކުރި ފަހަރުވެސް މެއެވެ.
ހަމަމިއާއެކު "ސައިލެންސް ރީޑިންގ އޭރިޔާ" އަދި ރިސަރޗް ރޫމަށް ބަދަލުތައް ގެނެސް، އަދި "ކިޔަވަތި ގްރޫޕް ސްޓަޑީ ރޫމް"އާއި "މޭކަރ ސްޕޭސް ރޫމް" ގެވެސް ފްލޯރއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!