މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެއްޖެ! "ގައިގަވެސް ހިފަނީ، ބާނާ މަސްވެސް ކާލަނީ"

EKIQ24cUYAAFKPs

މިއީ މިހާރަކަށް އައިސް މީސް މީޑިޔާއިން އަދި މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ރާއްޖޭގެ މަސްކަނޑުތަކުގައި އާދަޔާއި ހިލާފަށް މިޔަަރުގިނަވެ މަސްވެރިންނަށް އަންނަނީ އުނދަގޫތަކާއި ކުރިމަތިވަމުންނެވެ.

މީގެ ނުވަ އަހަރު ކުރިން މިޔަރު ބޭނުން ރާއްޖޭގައި މަނާކޮށް ހިމާޔަތްކުރުމުން އޭގެ ރަނގަޅު އަސަރު މިޔަރުގެ އާބާދީއަށް ވަނީ ކޮށްފަ އެވެ. އެކަމަކު މިޔަރު ގިނަވެ އޭގެ އުނދަގޫ މަސްވެރިކަމަށް ފޯރާފައިވާ ކަމުގެ ޝަކުވާ މަސްވެރިންވަނީ މިފަހަކަށް އައިސް ކުރަން ފަށާފައެވެ. 2010 ވަނައަހަރު މިޔަރު ބޭނުން މަނާކުރަން ޖެހުނީ 1990 ވަނަ އަހަރުތަކުން ފެށިގެން ބާނާ މިޔަރުގެ އަދަދު ގިނަވެގެންނެވެ.

މަސްވެރިންގެ ޝަކުވާ

"މަސްވެރިން މިޔަރުގެ ޝަކުވާ އެކުރަނީ ދެރަވެގެން. މިހާރު ފަރުމަހަށް ދިއުންވެސް އެއީ އިތުރަށް މިޔަރަށް ކާންދިނުމަކަށް ވެއްޖެ. ބޭނޭ މަސް އަތުނުވާ ތަނުގައި އާލާތް ހަލާކުކޮށްލާ. މިޔަރަކީ މަދުން ވިހެއަސް ގިނަވާން އުނދަގޫ އެއްޗެއް ނޫން. އެސޮރުމެން ކާލާނެ ޕްރީޑޭޓާއިން އެހާމަދު" މިޔަރު ކާލާފައިވާ މަހެއްގެ ފޮޓޯއަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.

ބައެއް މަސްވެރިން ބުނަނީ އައިންމަތީ މިޔަރު ގިނަވެ، ބާނާ މަސް ކާލުމުގެ އުނދަގޫ ބޮޑު ކަމަށެވެ. އެގޮތުން މަސް އޮޑިއަށް ނަގާ ވަގުތު އޭގެ އެއް ބައި މިޔަރު އޮންނަނީ ކާލައިފައި ކަމަށާއި، އެން ދަމާ ދަލަށް އަރައި ދާ ހަލާކު ކުރުން ފަދަ ކަންކަން ވެސް ދިމާވާކަމަށެވެ.

 އެހެރަ ބޮޑެތި މަސް އަރުވާއިރު މިއޮންނަނީ އެއްބުރި ކާލައިފައި. ހަމައެކަނި މަހެއް ނޫން. އެތައް ބުޅިއެއް، ނަނެއް ކަނޑައިފި،"

މަސްވެރިޔަކު ބުނެފައިވެއެވެ.

ޖާބިރު ބުނަނީ މިއީ ޖޯކެއް ނޫނޭ

މިޔަރު ކާލާފައިވާ މަހަކާ އެކު ފޮޓޯއެއް ޓްވީޓް ކުރައްވާ ވިދާޅުވީ، މިޔަރުގެ އުނދަގޫ މަސްވެރިންނަށް ފޯރާ ކަމަށާއި ބާނާ މަސްކޮޅުވެސް ހުންނަނީ މިޔަރު ކާލާފައި ކަމަށެވެ. ގާފަރު ދޯނި ލެފި ތަނަށް ޖާބިރު ވަޑައިގަތުމުން އެ ދޯނީގެ ކެޔޮޅު ދިއްކޮށްލި މަހުގެ ބައެއްވެސް އޮތީ މިޔަރު ކާލާފައި ކަމަށާއި "މިއީ ޖޯކެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ އެއްޗެއް ނެތި ދިއުމުން އެ އެއްޗަކީ ހިމާޔަތް ކުރަންޖެހޭނެ އެއްޗެއް ނަމަވެސް އެ ބިރެއް މިޔަރަކަށް މި ރާއްޖެއަކު ނެތް ކަމަށެވެ.

އެން ނަގަން ޑައިވް ކުރާ މަސްވެރިން ޑިކޯވާ މައްސަލައާ ގުޅިގެން، މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާ އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވެފައި ވަނީ، ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ވެސް ދޭން ޖެހޭ ކަމަށާއި، ވަގުތުން މިޔަރުތައް ވެސް ނަގަންވީ ކަމަށެވެ. ޖާބިރު ވިދާޅުވެފައި ވަނީ، ބޮޑު ކަންނެއްޔެއް ބާނާއިރު، ދެބައިކުޅައެއްބައި އޮންނަނީ މިޔަރު ކާލާފައި ކަމަށާއި އެއްބައި ކާލާފައި އޮތުމުން، އެ ކަންނެލި އޮންނަނީ ކިރުމުން މަހުރޫމުވެފައި ކަމަށެވެ. ހަމައެއާއެކު ހުރިހާ މިޔަރުތައް މަރާލުމަށް ސިފައިންނަށް ވެސް ޖާބިރު ވަނީ ގޮވާލައްވާފައެވެ. ޖާބިރު މިހެން ގޮވާލުމުން މަސްމަހާމެއްސާއި ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުން ޖާބިރަށްވަނީ ފާޑުކިއުން އަމާޒުވެފައެވެ.

މީހުންނަށް މިޔަރު ހަމަލާ ދިނުން

"ޖާބިރު ބުނީ ރަނގަޅަށް. މިޔަރުގެ އުނދަގޫ ބޮޑުވެއްޖެ މިހާރު، ގައިގަ ވެސް ހިފަނީ".

ރާއްޖޭގެ މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަނބޮޑުވުން ފާޅު ކުރައްވާ، ހުރިހާ މިޔަރުތައް މަރާލުމަށް ގޮވާލައްވާފައި ވަނިކޮށް، 'ފ. ބިލެއްދޫ ފާނަ މަސްވެރިން'ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގައި ވަނީ މަސްވެރިއަކަށް މިޔަރު ހަމަލާ ދިން ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.

މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުން ދާއިރު އއ. މަޑޫގަލި ރިސޯޓު ކައިރީގައި އެންދަމަން މޫދަށް ފައިބައި އުޅުނު މީހަކަށް 24 އެޕްރީލް 2018 ވަނަ ދުވަހު މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ.

 

ހައްލަކީ ކޮބާ؟

މަސްވެރިންނަށް މިޔަރުގެ ސަބަބުން ބައެއް ދަތިތަކާ ކުރިމަތި ނަމަވެސް މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުން ރަނގަޅު ނޫން ކަމަށާއި ރާއްޖެއަކީ ޓޫރިޒަމް ފުޅާވެފައިވާ ގައުމަކަށް ވާއިރު މިޔަރު ގިނަވުމުގެ ފައިދާ އެ އިންޑަސްޓްރީއަށް އޮންނާނެ ކަމަށާއި މިޔަރަކީ މަސްވެރިކަމަށް ވެސް އޭގެ ފައިދާ ހުރި ބާވަތެއްކަމަށާއި ކަނޑު އަޑީގައި ދިރިއުޅޭ މަސްއައިނުތައް މައްޗަށް އަރަނީ މިޔަރާއި ކޯމަހުގެ ސަބަބުންކަމަށާއި މަސްވެރިންނާ ހަމައަށް އެ މަސް އައިންތައް ގެނެސްދޭ ކޮމާންޑަރުންނަކީ މިޔަރާއި ކޯމަސްކަމަށް މަސްމަހާމެހީގެ ތަޖުރިބާކާރެއް ބުނެފައިވެއެވެ.

މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ފަދަ އެތައް ކަންކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ކަމެކެވެ. އުރަހަ ހިއްކައިގެން ވިއްކުމާއި ތެޔޮ ހާނައިގެން ރާއްޖޭގައި މިޔަރު މަސްވެރިކަމުގެ ވިޔަފާރި ކުރިއިރު އަހަރެއްގެ މައްޗަށް ލިބުނީ ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ހަމަ އެ ދުވަސްވަރު މިޔަރު ބަލަން ޑައިވިންއަށް ދާ މީހުންގެ ފަރާތުން ރާއްޖެއަށް ލިބެމުން އައީ އަހަރަކު 2.3 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިހާރު އެ އަދަދު 60 މިލިއަން ޑޮލަރާ ގާތްކުރާއިރު މިޔަރު ބޭނުމަށް ވުރެ އެތަކެތި ހިމާޔަތް ކުރުން މާ ރަނގަޅު ކަމަށް، ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް މިޔަރުގެ ސަބަބުން ކަޅުބިލަމަހާއި ކަންނެލި، އަދި ފަރުމަހުގެ މަސްވެރިންނަށްވެސް ވަރަށް އުދަގޫވޭ. މިޔަރުގެ އާބާދީ ކޮންޓްރޯލްކުރަން ކޮންމެސްކަމެއް ސަރުކާރުން މަސްވެރިންނަށް ކޮށްދޭން އެބަޖެހޭ. މިޔަރުގެ ބާވަތްތައް އެކްސްޕޯޓު ނޮކޮށް ހަމައެކަނި ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ފުރަތަމަ އެއް އަހަރަށް ދޭންވީ، ވަކިއުސޫލެއް ހަދާފަ! ނޫނީ ވިއްޔާ މިޔަރު ބާނަން އޯޕަން ސީޒަން އެއް ހަދަން ވީ ކޮންމެ އަހަރަކު ހަތަރު މަސްދުވަހު ގާތްގަނޑަކަށް ، އެމެރިކާގައި ހުރިހާ ދުވަސްވަރެއްގަ ފުއްލާ އެއްޗެހި ޝިކާރަ ނުކުރެވޭނެ، ހަމަ އެކަނި އޯޕަން ސީޒަން ގަ އެ އެއްޗެހި ޝިކާރަ ކުރެވޭނީ،

މިއީ މިކަން ހައްލުކުރެވިދާނެ ގޮތެއްކަމަށް ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތަކުން ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޓޫރިޒަމުން މާބޮޑަށް ފައިދާވެޔޭ ކިޔައިގެން މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވުން ބުއްދިވެރިޔެއްނޫން. ދެމެހެއްޓެނިވިގޮތުގައި މިޔަރުވެސް ހިފަން އެބަޖެހޭ. ފޫޑް ޗެއިން ބެލެންސް ވާނީ މިޔަރު މަދުކުރެވިގެން. އޯޕަން ސީޒަން ބާއްވަންވީ. ނޫނީ އަހަރަކަށް ނަމަވެސް ހުއްދަދެއްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *