ކ. ވާވެއްދިފަރަށް އެރި ބާޖަކާއި ޓަގު ބޯޓު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

މި ބާޖާއި ޓަގު ބޯޓު އެ ފަރަށް އަރާފައިވަނީ ފައިބެއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

Ad
rt

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖޫރިމަނާ ކުރީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީގެ، އޭއެމް އަލްޕިޓް ޓަގު ބޯޓާއި، އޭއެމް އާގަމް ބާޖު ފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ.

އެ އުޅަނދުތައް ފުންކޮށް، އެ ހާދިސާގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ބަލައި ސާރވޭކުރުމަށް އެ އެޖެންސީން، ވާވެއްދިފަރު ސަރަހަށްދަށް ދިޔައީ މިދިޔަ އޮގަސްޓު 13 ވަނަ ދުވަހު ކަމަށެވެ. އަދި އުޅަނދުގެ ވެރިފަރާތުން އެ ސަރަހައްދު ސާރވޭކުރި އިރު އޮބްޒާވަރެއްގެ ގޮތުން އެ އެޖެންސީން ބައިވެރިވި ކަމަށެވެ.

އެ ސަރަހައްދު ބެލިބެލުމުން، ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި، ވަޒަންކޮށް ކަނޑައެޅި ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 148 މިލިއަން ރުފިޔާ ކަމަށް ވެސް ބުނެއެވެ.

އެހެންނަމަވެސް، ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު މިންވަރަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ، އެ އަދަދު 30 ދުވަހުގެ ތެރޭގައި ދައްކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ވާވެއްދި ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ފެށުމަށް ކުރަން ޖެހޭ ކަންތައްތައް، މި މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފަށާނެ ކަމަށް ވެސް އީޕީއޭ އިން ބުނެފައި ވެއެވެ.