ފަތުރުވެރިން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ މައުލޫތު ފޯރުކޮށްދޭންޖެހޭ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެއެކަށޭނަ ގޮތުގައި ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓާ، ގެސްޓްހައުސް ފަދަ ތަންތަނަށް އެމީހުން ޗެކިން ވާއިރު މައުލޫމާތު ދިނުމަކީ އެގޮތުން ކުރެވިދާނެ ކަންތައްތައްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

" ލޯކަލް ޓޫރިޒަމް ކުރިއަށް ދާން ޖެހޭނީ މުޖުތަމައުގެ އެންމެންނަށް ވެސް އުފާވެރިކަން ލިބޭ ގޮތަކަށް. އެހެންވީމާ އެ މައުލޫމާތު ދޭންވީ، ކައުންސިލްތަކުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބޭ. ހޮޓާ ގެސްޓްހައުސްތަކުން ވެސް އެއްބާރުލުން ލިބޭ. އެކަމަކު ހުރިހާ ތަނަކުން އެ އެއްބާރުލުން ލިބުނީމާ މީތި ސަތޭކަޕަސެންޓް ސްމޫތުވާނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޓޫރިސްޓުންނަކީ ވަރަށް ބަސްއަހާ ބައެއް ކަމަށާއި ރޮނގެއް އަޅާފައި ހުރަސް ނުކުރަން ބުނެފި ނަމަ، އެ ރޮނގެއް ހުރަސް ނުކުރާނެ ކަމަށެވެ.

ޓޫރިސްޓުން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާ ކަަމަށާއި ޓޫރިސްޓް ހޮޓާ، ގެސްޓްހައުސް އަދި އެ ދާއިރާގެ ހުރިހާ ތަންތަނަކުން ވެސް ޓޫރިސްޓުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ހުރިހާ ގައުމެއްގައި ވެސް ހިންގަނީ އަންނަ ޓޫރިސްޓުން ކޮމިއުނިޓީގެ މިންގަނޑުތަކަށް ފެތިގެން އުޅޭ ގޮތަށް ކަމަށާއި މީހުން އުޅޭ ރަށްރަށަށް ދާ ޓޫރިސްޓުން އެރަށެއްގެ އާދަކާދަޔާ އެއްގޮތަށް އުފަލާ އެކު ދާނެ ކަމަށްވެސް ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންހުންނެވި ޑރ. މައުސޫމް ވިދާޅުވިއެެވެ.