އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފިއެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއާއި، އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން ކުރިއަށް ގެންދާ މި ސާރވޭ ފެށީ މިއަދުއެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 28ގެ ނިޔަލަށް މި ސާރވޭ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސާރވޭގައި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ޖޮއިންޓް ޓީމުން ހަރަކާތްތެރިވެ، ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށް ޖީ.ޕީ.އެސް ރިސީވަރާއެކު ރަށްރަށުގެ އައްސޭރި ސަރަހައްދުގައިވެސް ހަރަކާތްރިވާނެ ކަމަށެވެ.
މީގެ އިތުރުން މިސާރވޭ ޓީމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުތަކާއި ސިފައިން ބައިވެރިވާނެކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގައި މިހާރު ބޭނުންކުރާ ޗާޓުތަކަކީ ބްރިޓިޝް އެޑްމިރަލްޓީން މީގެ އެތައް ސަތޭކަ އަހަރު ކުރިން ސާރވޭކޮށް ކުރަހާފައިވާ ޗާޓުތަކެއް. އެހެންކަމުން މި ޗާޓުތަކުގައި ޖީޕީއެސް ޕޮޒިޝަނުން ދިމާނުވާ ވަރަށް ގިނަ ސަރަހައްދު ހުރިކަން ފާހަގަކުރެވޭ." ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ.
އެ އަތޮޅު މިހާރުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އަލުން ސާރވޭކޮށް އައު ޗާޓެއް އުފެއްދުމަކީ މިސާރވޭގެ މައިގަނޑު މަޤްޞަދުކަމަށްވެސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު މުޅިރާއްޖޭގައި ބޭނުންކުރަމުންދާ ނިޔަމިކަމުގެ ޗާޓުތައް އަދާހަމަކޮށް އާ ޗާޓުތައް އުފެއްދުމުގެ މަސައްކަތް އެ ސާރވިސްގެ ފަރާތުން މުސަތަޤްބަލުގައިވެސް ދިވެހި ކަނޑުތަކުގައި ކުރިއަށްދާނެކަމަށް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ.
ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސާރވޭގައި މިހައިތަނަށް ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!