ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ކުށްވެރިކުރަށްވައިފިއެވެ.

ސްވިޑްންގެ ހައްދުފަހަނާ އަޅާފައިވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެވެ. އޭނާގެ މި އަނިޔާވެރި ނަފުރަތުގެ އިންތިހާއިން ފުރިގެންވާ ޢަމަލު ހިންގާފައި ވަނީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ތުރުކީވިލާތާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. ތުރުކީ އެމްބަސީ ކުރިމަތީގައި އޭނާ މުސްހަފު އަންދާފައި ވަނީ ސްވިޑެންގެ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމާ އެކު، އެކަން ކުރުމުގެ ފުރުސަތު ސްވިޑެންގެ ސަރުކާރުން ދީގެންނެވެ.

Ad
rt

މި ޢަމަލު ކުށްވެރި ކުރަށްވައި ޤާސިމް ކުރެއްވި ޓްވީޓެއްގައި މި މިނުބައި ޢަމަލަކީ ދުނިޔޭގެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ އިޙްސާސްތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ވިދާޅުވެފަވެއެވެ.

މި ޢަމަލު ދިވެހި ސަރުކާރުން ވެސް ކުށްވެރިކޮށްފައިވާއިރު، އިސްލާމީ ގިނަ ޤައުމުތަކާއި ޖަމިއްޔާތަކުން ވެސް އަންނަނީ މިކަން ކުށްވެރިކުރަމުންނެވެ. އަދި ރާއްޖޭގެ އިދިކޮޅު ކޯލިޝަނުންނާއި އެހެން ބައެއް ސިޔާސީ ލީޑަރުން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

މިމައްސަލާގައި މުޅި އިސްލާމީ އުއްމަތުގެ ނުރުހުން ސްވިޑެންއަށް އަމާޒުވުމުން އެގައުމުގެ ޚާރިޖީ ވަޒީރު ވަނީ ސްވިޑެންއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ގައުމެއްކަމަށް ވިދާޅުވެ އެ ޤައުމުގެ މި ހަޑިމުޑުދާރު ޢަމަލު ދިފާޢު ކުރަން މަސައްކަތް ކުރަށްވާފައެވެ. އޭނާ ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން މުސްހަފް އެންދުމަށް ސްވިޑެންގެ ސަރުކާރުން ތާއީދުނުކުރާކަމަށާއި، ނަމަވެސް ޚިޔާލުފާޅުކުރުމުގެ ގޮތުން ކުރާ އެއްވެސް ކަމަކަށް ސްވިޑެންއިން ހުރަސްނާޅާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ)އިން ވަނީ ސްވިޑެންގެ މިއަމަލު އިންތިހާއަށް ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި މިއީ ނަފުރަތު އުފެއްދުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމުގެ ނާތަހުޒީބު އަމަލެއްކަމަށް ބުނެފަވެއެވެ.