ކުޑަކުދިންނާ ގުޅޭ 245 މައްސަލައެއް ޑިސެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ހާމަކުރެއްވި ތަފާސް ހިސާބުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލަ ޑިސެންބަރު މަހު ރިޕޯޓުކޮށްފައި ވެއެވެ.

Ad
rt

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތައް ކަމަށާއި އެގޮތުން މިބާވަތުގެ 30 މައްސަލައެއް ޑިސެންބަރު މަހު ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލައާއި ޖިންސީ ހާނިކައިގެ 19 މައްސަލައާއި ޖިސްމާނީ ހާނިކައިގެ 13 މައްސަލަ ހުށަހަޅާފައިވާއިރު، ނަފްސާނީ ހާނިކައިގެ 12 މައްސަލަވެސް ހުށަހަޅާފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.

ހަމަމިއާއެކު ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް ކުރުން) މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގާނާ ލިބުމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 54 މައްސަލަ ޑިސެންބަރު މަހު ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށާއި އެގޮތުން މިބާވަތުގެ 26 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 17 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 4 މައްސަލަވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ހަމަމިއާއެކު ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލައާއި ހިފެހެއްޓުމުގެ އަމަލެއް ހިންގުމުގެ މައްސަލައެއްގެ އިތުރުން މާލީ އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އަމަލުގެ މައްސަލައަކާއި އިހުމާލުގެ މައްސަލައެއްވެސް ޑިސެންބަރު މަހު ވަނީ މިނިސްޓްރީ އަށް ހުށަހަޅާފައެވެ.