މާލޭގައި ދިރިއުޅޭ ފަރާތްތައް ޕިކްނިކް ދިއުމަށް ތަރައްގީ ކުރި ޕިކްނިކް އައިލެންޑް، ކުޑަގިރި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. އެގޮތުން، މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ޙާއްސަވެފައި އޮތް ކުޑަބަނޑޮސް ސަރުކާރަށް ނެގުމުން އެޗްޑީސީން ވަނީ ކުޑަގިރީގެ މަސައްކަތް ނިންމާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ.

Ad
rt

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. ސަރުކާރާއި އެޗްޑީސީ ގުޅިގެން ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު އެ ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައި ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެއެވެ. އެގޮތުން، މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލާއިރު އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަނގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތަކަަސްވެސް ރަށް ދޫކުރާނެއެވެ. އަދި، ޑައިވިން އާއި ވޯޓަސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ފަތުރުވެރިންނަށް ޒިޔާރާތްކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، ފާހަނައިގެ ހިދުމަތާއި، ޗޭންޖިން ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކުގައެވެ.

މީގެ އިތުރުން، މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރު އަދި ރީޓެއިލް ސްޓޯރުގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެއެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ.

ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރާއި ވޯޓަ ސްޕޯޓްސް ސެންޓަރު ހިމެނެއެވެ.

މީގެއިތުރުން، އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.

ކުޑަގިރި ހުޅުވާލެވޭއިރު ޕިކްނިކް ދިޔުމަށް ހަދައިފައިވާ އެންމެ ފުރިހަމަ ރަށްކަމުގައި ކުޑަގިރި ވެގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ. އަދި މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރު ދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުސަތު އަލުން ހުޅުވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.