ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރުކަތިލައި، ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވިދާޅުވެއްޖެ އެވެ.

އެމްއެމްސީ އިން މިހެން ވިދާޅުވީ ފަހަކަށް އައިސް ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަކުރުމާއި، އިންޒާރުތައް ދިނުމާއި ބިރުދައްކާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާތީ، އެކަމުގެ ކަންބޮޑުވުން ހާމަކުރައްވާ ނެރުއްވި ބަޔާނުގަ އެވެ.

Ad
rt

އެ ބަޔާނުގައި ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އެހެންކަމަށް ވީހިނދު، ޤާނޫނުއަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މީޑިއާ އިދާރާތަކަށް ވަދެ، ނޫސްވެރިޔާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމާއި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރުކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި އެ ކައުންސިލުން ބަލައިގަންނާނެކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.

ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވެ، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް މީގެކުރިންވެސް ވެފައިވާކަން ފާހަގަކުރައްވާ އެ ބަޔާނުގައި ވިދާޅުވީ އެފަދަކަމެއް ތަކުރާރު ނުވާނެހެން ދުރާލައި ފިޔަވަޅު އެޅުމަކީ ކަމާ ބެހޭ މުއައްސަސާތަކުންނާއި، މީޑިއާތަކުން އަދި ނޫސްވެރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާއަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިގޮތުން، 17 ސެޕްޓެންބަރު 2022 ގައި މި ކައުންސިލުން އެކުލަވާލާފައިވާ "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މީޑިއާގައި ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި އަނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމާތަށް އިޙްތިރާމްކުރާނެއެވެ." އަދި އެ މިންގަނޑުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ނޫސްވެރިއެއްގެ ނޫސްވެރިކަމުގެ ޙައްޤު ގެއްލޭ ކޮންމެ ޙާލަތެއްގައި އެ ނޫސްވެރިޔާ ޙިމާޔަތްކޮށް، ދިފާޢުކޮށްދީ، އެ ނޫސްވެރިޔާގެ ޕްރޮފެޝަނަލް ޙައްޤަށް އިޙްތިރާމް ކުރާނެއެވެ." އެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

އެމްއެމްސީ އިން ވިދާޅުވީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި، ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަން ކުރުމަކީ، އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ހަމައެއާއިއެކު، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާއިރު ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެމްއެމްސީ އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސޯޝަލް މީޑިއާ އާއި އެނޫން ވެސް ގޮތްގޮތުން "މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަކޮށް، ބަދުނާމުކޮށް، އަބުރުގެއްލޭފަދަ ވާހަކަތައް ފަތުރަމުންދާތީ އެވެ.

މި މައްސަލައިގާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފަ އެވެ.